17 Apr 2019, 17:35
މިއަހަރުގެ ފުރަތަމަ ތިން މަސް ނިމުނު އިރު އެޗްއާރުސީއެމްއަށް ހުށަހެޅި ގިނަ ޝަކުވާތަކަކީ ގައިދީންއަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުދޭ މައްސަލަތައްކަން ހާމަވެއްޖެ އެވެ.
ކޮމިޝަނުން މިއަދު އާންމު ކުރި މިއަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، 140 މައްސަލައެއް ހުށަހަޅާފައިވާއިރު، ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާއެއް ނުދީގެން ހުށަހެޅީ 44 މައްސަލައެކެވެ.
މީގެ އިތުރުން، ގައިދީންއާ ގުޅޭ އެކިއެކި 16 މައްސަލައަކާއި އަދި ގައިދީންނަށް ލާ އިންސާނީ އަނިޔާކުރި 11 މައްސަލަ ވެސް ވަނީ ހުށަހަޅައިފަ އެވެ. މި މައްސަލަތަކުގެ ތެރޭގައި ޖަލުގައި އަނިޔާކުރުމުގެ މައްސަލަތައް ވެސް ހިމެނެ އެވެ.
ބޯހިޔާވަހިކަމެއް ނެތިގެން ވެސް އެޗްއާރުސީއެމްއަށް ތިން މައްސަލައެއް ހުށަހެޅި އިރު، އުމުރުން ދުވަސްވީ މީހުންގެ ހައްގުތަކާ ގުޅޭ އަށް މައްސަލައެއް އަދި މަސައްކަތް ކުރުވުމުގެ ހަތް މައްސަލައެއް ހިމެނެ އެވެ.
ހުށަހެޅި އެހެނިގެން މައްސަލަތައް:
- ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ގުޅޭ - 7
- އިގްތިސާދީ ކަންކަމާ ގުޅޭ - 6
- ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ - 6
- ޝަރީއަތް ކުރުމާ ގުޅޭ - 9
- ސިއްހީ ދާއިރާ - 5
- އާއިލީ ކަންކަމާ ގުޅޭ - 5
އެޗްއާރުސީއެމްއިން ބުނީ ފުރަތަމަ ކުއާޓާގައި ހުށަހެޅި މައްސަލަތަކާ ގުޅިގެން 71 ތަނަކަށް ޒިޔާރަތްކޮށް 41 ބަޔާން އެކި ފަރާތްތަކުން ނެގި ކަަމަށެެވެ. އަދި މިހާތަނަށް 105 މައްސަލަ ބެލިކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
ޖަލުގައި ސިއްހީ ފަރުވާ ނުދޭ ގިނަ މައްސަލަތަކެއް އަދިވެސް ހުށަހަޅަމުން އަންނަ އިރު، މީގެ ކުރިން ވެސް އެފަދަ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ.
އެގޮތުން ޖަލުގައި ހުއްޓާ މަރުވި މޭޑޭގެ ގައިދީ، އަބްދުﷲ ރަޝީދުގެ މައްސަލަ ފާހަގަކުރެވެ އެވެ. އަދި އޭގެ އިތުރުން މޭޑޭ ގައި ކުރި މުޒާހަރާތަކާ ގުޅިގެން ޖަލަށް ލީ އިބްރާހިމް ރަޝީދު ޖަލުގައި ހުރި އިރު ދިމާވި ސިއްހީ މައްސަލަތަކާއެކު އޭނާއަށް ވަނީ ހަމުގެ ބައްޔެއް ޖެހިފަ އެވެ. ދައުލަތުން އަންނަނީ އޭނާއަށް މިހާރު އެހީވަމުން އެވެ.