17 Apr 2019, 14:13
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ އިން އިންތިހާބުވި މެމްބަރުންގެ ތެރެއިން މިހާތަނަށް ހަތަރު ބޭފުޅަކު ވަނީ 19 ވަނަ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެއީ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ އިތުރުން ވިލުފުށީ ދާއިރާއަށް އިންތިހާބުވީ މެމްބަރު ހަސަން އަފީފެވެ. އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވެސް ވަނީ މަޖިލިސް ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
އެމްޑީޕީ ޝައުގުވެރިކަން ފާޅުކުރި ހަތަރު މެމްބަރުންގެ މެދުގައި އެމްޑީޕީ ޕީޖީ ގުރޫޕުގައި ވޯޓަކަށް އަހާނެ އެވެ. އަދިި އެތަނުން ހޮވޭ ނަމެއް އެމްޑީޕީން މަޖިލީހަށް ހުށަހަޅާނެ އެވެ.
ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރި މެމްބަރުންގެ މެދުގައި އެމްޑީޕީ ޕީޖީ ގްރޫޕުން ނަގަން ޖެހޭނީ ސިއްރު ވޯޓެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"ސިއްރު ވޯޓެއްގެ ތެރެއިން އަޅުގަނޑުމެން ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު ވެސް މިހޮވަނީ ސިއްރު ވޯޓަކުން ޑެޕިއުޓީ ލީޑަރު ވެސް މި ހޮވަނީ. އެހެންވީމާ މަޖިލިސް ރައީސް ކަމަށް އިންޓަރެސްޓެޑް ގިނަ ބަޔަކު ތިބިކަމަށް ވަންޏާމު އެ ނެގޭ ވޯޓު ވެސް ސިއްރު ވޯޓަކަށް ވާން އެބަޖެހޭ." ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ އެހެން ވިދާޅުވުމުން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަނީ ސިއްރުން ވޯޓު ނެގުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތި --
އިންތި ވިދާޅުވީ މަޖިލިސް ރައީސް ކަމަށް ނަމެއް ހުށަހެޅުމަށް އެމްޑީޕީ ޕީޖީ ގުރޫޕުގައި މީގެ ކުރިން ސިއްރު ވޯޓެއް ނަގާފައި ނުވާނެ ކަމަށެވެ. އަދި ސިއްރު ވޯޓު ނެގުމަކީ ވޯޓު ވިއްކަން ހުޅުވާލެވޭ ފުރުސަތެއް ކަމަށް އިންތި ވިދާޅުވި އެވެ.
އިންތިގެ ވާކަފުޅަށް ބާރު ލިބޭ ގޮތަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. ވިދާޅުވީ އެބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެޖެންޑާ 19 ވެސް ބާރުދެނީ ވީހާ ވެސް ހާމަކަން ބޮޑުކޮށް ރައްޔިތުންގެ މަޖިލީހާ ގުޅުން ހުރި މަސައްކަތް ކުރުމަށް ކަމަށެވެ.
"މަޖިލީހުގެ ރައީސަކު ހޮވަން އެމްޑީޕީގެ ތެރޭގައި ނަގާ ވޯޓު ވާންޖެހޭނީ ހުޅުވިފައިވާ ވޯޓަކަށް. އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހޭދަކުރި 10 އަަހަރުގެ ތެރޭގައި ވެސް މަޖިލީހުގައި ވޯޓު ދޭނެ ގޮތާމެދު އެމްޑީޕީގެ ތެރޭގައި ސިއްރު ވޯޓެއް ނަގާފައެއް ނުވޭ." އީވާ ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ރޮޒައިނާ ވަނީ ޓުވީޓަކުން އެޔަށް ޖަވާބުދެއްވައިފަ އެވެ. ވިދާޅުވީ ގައުމުގެ މަތީ މަގާމުތަކަށް އަންނަ މީހުން ހޮވަން ނަގާ ވޯޓުތައް ސިއްރު ކުރާ ސަބަބަކީ ނުފޫޒުން އެއްކިބާވެ ހުރެ ވޯޓު ނެގުމުގެ ފުރުސަތު ދިނުން ކަމަށެވެ. އަދި ހޮވޭ މީހާ ވޯޓު ނުދޭ މީހުންނަށް ތަފާތު ކުރުމުގެ ފުރުސަތު ނުދިނުމަށް ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.
"ވޯޓު ގަންނަ މީހާ ބޭނުންވަނީ ސިއްރު ވޯޓެއް ނޫން. އޭނަ ދިނަ ފައިސާއާ އެއްގޮތަށް ލީ ވޯޓު ފެންނަން އޮންނަން. އެހެންވެ ނޫންތޯ ވޯޓު ކަރުދާސްކޮޅުގައި ކުރަހާ އެކިގޮތްތަށް ވޯޓު ހާމަކުރަނީ." ރޮޒައިނާ ވިދާޅުވި އެވެ.
އަދި ރޮޒޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް ކަމަށް އެހާ ގިނަ ބޭފުޅުން މީގެ ކުރިން އެމްޑީޕީގެ ތެރެއިން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ކަމަށާއި އެއީ ވެސް މިފަހަރު އެ ދެ މަގާމަށް ބޭފުޅަކު ކަނޑައަޅާ އިރު، އެ ވޯޓު ސިއްރު ކުރަން ޖެހޭ ސަބަބެއް ކަމަށެވެ.
ކޮންމެއަކަސް މަޖިލިސް ރައީސަކު ކަނޑައެޅުމަށް އެމްޑީޕީގެ ތެރޭގައި ވޯޓު ނަގާނެ ގޮތަކާމެދު މިވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. އަދި ވޯޓު ނަގާނެ ގޮތެއް ނޭނގެ އެވެ.