17 Apr 2019, 14:00
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީ އިން އެކުލަވާލި މެނިފެސްޓޯ، އެޖެންޑާ 19 އޮއްވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ނާކާމިޔާބުވި އިދިކޮޅުގެ އެއްވެސް ބޭފުޅަކު ސިޔާސީ މައިދާނާ ދުރަށް ނުދިޔުމަށް ޕީއެންސީގެ ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮޑިޓް ރިޕޯޓުތަކާ ބެހޭ ގޮތުން ބަހުސްކުރަން ހުޅުވާލި ފުރުސަތުގައި އިދިކޮޅުގެ ބައެއް މެމްބަރުން ވަނީ ސަރުކާރަށާއި އެމްޑީޕީއަށް އަދި އެޕާޓީގެ މެނިފެސްޓޯއަށް ފާޑުވިދާޅުވެފަ އެވެ. އޭގެ ތެރޭގައި އަބްދުއްރަހީމް ހިމެނިވަޑައިގަންނަވަ އެވެ.
އެޖެންޑާ 19އަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވަނީ އެ މެނިފެސްޓޯގެ ދަށުން ރާއްޖޭގައި އެހެން ދީންތަކަށް ޖާގަ ލިބޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެންނާނެ ކަމަށާއި ރާއްޖޭގެ ކަންކަމުގެ ތެރެއަށް އެހެން ގައުމުތަކުން އަތް ބާނަން ފުރުސަތު ދޭނެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވައިފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ، ކުރިއަށް އޮތީ ބަނަ ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން ރައްޔިތުން ހޭލާ ތިބެން އޭނާ ގޮވާލެއްވި އެވެ.
"ކުރިއަށް އޮތީ ވަރަށް ބަނަ ދުވަސްތަކެއް. ރައްޔިތުން ވަރަށް ބޮޑަށް ހޭލާ ތިބެން ޖެހޭ. އެޖެންޑާ 19ގެ ނުރައްކާތެރިކަން ކުރިމަތިވާ ހިނދު ހަމަ ކޮންމެ ބޭފުޅަކު ވެސް ހުސެއިން އާދަމަކަށް ވާން އެބަ ޖެހޭ،"
އަބްދުއްރަހީމް ވިދާޅުވީ، އެޖެންޑާ 19އާ ދެކޮޅަށް ކުރާ މަސައްކަތުގައި އޭނާ ސާބިތުވެ ހުންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނާކާމިޔާބުވި ބޭފުޅުން ވެސް އެގޮތުގައި ތިބުމަށް އޭނާ ގޮވާލެއްވި އެވެ.
"އެޖެންޑާ އެގޮތަށް އޮއްވާ އެއްވެސް ބޭފުޅަކު ރައްޔިތުންގެ މަޖިލީހަށް ނުހޮވުނޭ ކިޔާފައި ސިޔާސީ މައިދާނުން ދުރަށް ވަޑައިނުގަންނަވާށޭ. އަޅުގަނޑު ވަރަށް އިހުތިރާމާ އެކު މި ދަންނަވަނީ، ދުރަށް ވަޑައިނުގަންނަވާތި. އެއީ އަޅުގަނޑުމެން ތައްޔާރުވާން މި ޖެހެނީ ވަރަށް ނުރައްކާތެރި ހަނގުރާމައަކަށް. އެއީ ގައުމީ ޖިހާދަކަށް. ދީނީ ޖިހާދަކަށް، އެޖެންޑާ 19 މިއީ ވަރަށް ނުރައްކާތެރި އެއްޗެއް،"
ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް މާމިގިލީ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އިންތިހާބުވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ހިތްހަމަޖެހުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެޖެންޑާ 19އާ ދެކޮޅަށް ގާސިމް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ރައީސް ސޯލުގެ ސަރުުކާރުގައި ގާސިމަށް ރަނގަޅު ގޮތަކަށް ކަންތައްތައް ވާނެ ކަމަށް އުންމީދު ނުކުރައްވަން ގާސިމްގެ އަރިހުގައި އަބްދުއްރަހީމް އެދިވަޑައިގެންނެވި އެވެ.
"އިއްޒަތްތެރި ރައީސް އަޅުގަނޑު ދަންނަވާލަަން ބޭނުންވަނީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރަނގަޅު ކަންތައްތަކެއް ވެދާނެ ކަމަށް އުންމީދު ނުކުރައްވާށޭ. ވައުދާ ހިލާފުވެއްޖެ. އެ ހަނދާން ނެތިއްޖެ. އިއްޒަތްތެރި ރައީސް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ،"
ނިމިދިޔަ މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަކޮށް އަބްދުއްރަހީމަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. ފޮނަދޫ ދާއިރާއަށް އަލަން އިންތިހާބުވެވަޑައިގެންނެވީ ގާނޫނީ ވަކީލު މޫސާ ސިރާޖެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކޮށް ގާނޫނު އަސާސީ ބަދަލު ކުރެވޭ ވަރުގެ ސުޕަމެޖޯރިޓީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން ވަނީ ހޯދައިފަ އެވެ. އިދިކޮޅު ޕީޕީއެމް-ޕީއެންސީއަށް އިންތިހާބުގައި ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އެ ކޯލިޝަނަށް ލިބުނީ އެންމެ އަށް ގޮނޑި އެވެ.