ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގެންނެވި މެމްބަރު މުހައްމަދު މުސްތަފާ އައްޑޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ތައުރީފްކޮށްފި އެވެ.

ތިމަރަފުށީ ދާއިރާ މިފަހަރު ކާމިޔާބު ކޮއްފައިވަނީ ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒެވެ.

ނިމިގެން ދިޔަ މަޖިލިސް އިންތިހާބަށް އިޝާރާތްކުރައްވައި މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނަކީ ހުރިހާ ކަމެއްގައިވެސް ރާއްޖޭގައި ތަފާތު ބައެއް ކަމަށެވެ.

"އައްޑޫގެ އެމްޕީން ގޮނޑިތަކަށް ހޮވީ ތިލަފަތު އެއް ކޮޅަށް ފައިސާ އަޅައިގެނެއް ނޫން. އެވެރިން ތިލަފަތު އެއްކޮޅަށް އެޅީ ޕާޓީ ފިކުރު." މުސްތަފާ ވިދާޅުވި އެވެ.

ނިމިގެން ދިޔަ އިންތިހާބުގައި އައްޑޫ ސިޓީގެ ހުރިހާ ގޮނޑިއެއްވެސް ކާމިޔާބު ކޮށްފައިވަނީ މުސްތަފާވެސް ނިސްބަތްވާ އެމްޑީޕީއިންނެވެ.

އައްޑޫ ރައްޔިތުންނަށް ސާބަހާއި އައްސަރިބަސް ވެދުން ކުރަމުން މުސްތަފާ ވިދާޅުވީ އައްޑޫއިން ހޮވުނު އެމްޕީއިންއަކީ ފައިސާ ހަރަދު ކުރި ބައެއް ނޫން ކަމަށެވެ.

ނިމިގެން ދިޔަ އިންތިހާބުގައި މުސްތަފާއާ ވާދަކުރެއްވި ރިޔާޒު އެ ދާއިރާއަށް ފައިސާ ބޭނުންކޮށްގެން ނުފޫޒު ފޯރުވިކަމަށް މުސްތަފާ ވަރަށް ބޮޑަަށް ތުހުމަތު ކުރި އެވެ. މިއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަަމަށް ބުނެ މުސްތަފާގެ ކެމްޕޭންއިން އެ މައްސަލަ އޭސީސީއަށް ހުށަހެޅި އެވެ.