17 Apr 2019, 13:25
ކަރަންޓުގެ ސަބަބުން ދިމާވާ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމަށާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ހަދާފައިވާ ގާނޫނާއި ގަވާއިދުތަކަށް އިންޖިނިއަރުން އަހުލުވެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ފެށި އެ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
މިއީ ރާއްޖޭގައި ޢާންމު ބޭނުންތަކަށް ހިދުމަތެއްގެ ގޮތުން އިލެކްޓްރިކް ކަރަންޓުގެ ޚިދުމަތް ދިނުމަށް ހަދާފައިވާ ގަވާއިދުތަކަށް، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަހަލުވެރިކުރުވުމާއި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ދާއިރާގައި ހިނގަމުންދާ ނުރަނގަޅު ކަންކަން ދެނެގަތުމުގެ އިތުރުން މި ދާއިރާގައި ހިނގާ އަދި ހިނގާފާނެ ނުރައްކާތެރި ހާދިސާތަކާ މެދު މަޝްވަރާކޮށް މިފަދަ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމުގެ ގޮތުން ހިންގާ ވޯކްޝޮޕްއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު ވިދާޅުވީ މިހާރު ހެދިފައި ހުންނަ ގާނޫނުތަކާއި ގަވާއިދުތަކަށް ޢަމަލު ނުކުރެވުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގާކަމަށާއި އެކަމުގެ ސަބަބުން ލިބޭ ގެއްލުން ވަރަށް ބޮޑު ކަމަށެވެ.
އެހެންކަމުން އިންޖިނިއަރުން ވާންޖެހޭނީ ވަކި ހަމަތަކެއްގެ މަތީން އަދި ޒިންމާދާރުކަމާ އެކު މަސައްކަތް ކުރާ ބަޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަންކަން ރަނގަޅު ކުރުމަށް ގާނޫނުތަކާއި ގަވާއިދުތައް ހަދަން ޖެހޭ ކަމަށާއި އަދި ބަދަލު ވެސް ގެންނަންޖެހޭ ކަމަށް ޑރ. ހުސައިން ވިދާޅުވި އެވެ. އެގޮތުން ނެޓް މީޓަރިންގެ ގަވާއިދު ވަނީ ގެޒެޓް ކޮށް، އިލެކްޓްރިސިޓީ އެކްޓުގެ ޑްރާފްޓާއި އިންޖިނިއާރސް ލައިސެންސިންގް ރެގިއުލޭޝަން މިހާރު ޑްރާފްޓްކޮށް ނިމިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.