ރައްކާތެރި ފިޔަވަޅު ނާޅައި ފުވައްމުލަކު އެއާޕޯޓު ހަދާ ސަރަހައްދަށް ނުވަނުމަށް ފުވައްމުލަކު ގައުމީ އިދާރާއިން ގޮވާލައިފި އެވެ.

ނޫސް ބަޔާނެއް މެދުވެރި ކުރައްވައި އެ އިދާރާއިން މިއަދު ބުނީ އެ ރަށުގެ އެއާޕޯޓު ގެ މަސައްކަތް ބަލަން ޝައުގުވެރިވާ ފަރާތްތަކަށް ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 4:00 އާއި 6:00 އާއި ދެމެދު އެ މަސައްކަތް ބަލަހައްޓާފ ަރާތެއްގެ ބެލުމުގެދަށުން ވަދެވޭގޮތަށް ހަމަޖެހިފައިވާކަމަށެވެ. ނަމަވެސް 24 ގަޑިއިރު މަސައްކަތް ކުރަމުންދާ އެ ސަރަހައްދަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި މީހުން ވަންނަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"... ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި އެ ސަރަހައްދަށް ވަނުމަކީ ރައްކާތެރިކަމެއް ނޫންކަމަށް މަސައްކަތް ކުރާ ފަރާތުން ބުނޭ. އެ ސަރަހައްދަށް ވަނުމަށް ހަމަޖައްސާފައިވާ ގަޑީގައި ފިޔަވައި އެހެން ގަޑިތަކުގައި އެ ސަރަހައްދަށް ނުވަނުމަށް ގައުމީ އިދާރާއިން އެދެން،" އެ ބަޔާނުގައި ވެއެވެ.

އެއާޕޯޓުގެ މަސައްކަތްކުރަމުން ގެންދާ ވަގުތު އެ ސަރަހައްދަށް ވަދެ އުޅުމުން އެ މަސައްކަތް ކުރިޔަށްގެންދިޔުންމަށް ދަތިތަކަކާއި ކުރިމަތިވަމުން އަންނަކަމަށް އެ މަސައްކަތް ކުރިޔަށް ގެންދާ ފަރާތުން ބުނެފައިވާކަމަށްވެސް އެ ބަޔާނުގައިވެއެވެ.

"ގިނަ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ އެއާޕޯޓުގެ މަސައްކަތް ބެލުމަށްޓަކައި ބައެއް ފަރާތްތަކުން އެ ސަރަހައްދަށް ވަދެއުޅުމުގެ ސަބަބުން މަސައްކަތްކުރުމަށް ދަތިތަކަކާއި ކުރިމަތިވާކަމަށް މަސައްކަތް ކުރާ ފަރާތުން ބުނޭ،" އެ ބަޔާނުގައި ވެއެވެ.