17 Apr 2019, 11:30
ޖެންޑާ މިނިސްޓަރު ގދ ތިނަދޫއަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގައި ތިނަދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުއްވައިދެއްވައިފިއެވެ.
އެ ސެންޓަރު މިއަދު ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރު ޝިދާތާ ވަނީ އެ ތަނާއި އެ ތަނުގައި ދެވޭ ފަރުވާތައް ބައްލަވައިލައްވައިފައެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅައިފައިވާ މުހިންމު ވައުދުތަކުގެ ތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ގާއިމުކުރުން ވަނީ ހިމެނިފައިއެވެ.
އައްޑޫ ސިޓީ ހިތަދޫއާއި ހދ ހަނިމާދޫގައި ގާއިމުކުރެވުނު ސެންޓަރުތަކާއެކު މި ވައުދު މިހާރު ވަނީ ފުރިހަމަވެފައެވެ.
ތިނަދޫގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު މިނިސްޓަރު ޝިދާތާ ހުޅުވައިދެއްވަނީ---
ޖެންޑާ މިނިސްޓްރީއިން ބުނީ އެ ސެންޓަރުތަކުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ޑީޓޮކްސިފިކޭޝަން ފަރުވާއާއި ކޮމިޔުނިޓީ ރިހެބިލިޓޭޝަން ފަރުވާ ހިމެނޭ ކަމަށެވެ. އަދި ސައިކޯސޯޝަލް ފަރުވާގެ އިތުރުން ފަރުވާ ނިމިގެން މުޖުތަމައުއަށް އަހުލުވެރިކުރުވުމަށް ބޭނުންވާ ހުނަރުތައް އަށަގެންނެވުން ހިމެނޭ ކަމަށެވެ.
މިނިސްޓަރުގެ އެ ދަތުރުފުޅުގައި ގދ އަތޮޅު ކައުންސިލް، ގދ ތިނަދޫ ރަށު ކައުންސިލް، އަންހެނުންގެ ތަރައްގީއަށް މަސައްކުރާ ކޮމިޓީ، ޑޮކްޓަރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް، ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރުގެ އިތުރުން ކޮމިޔުނިޓީ ސޯޝަލް ގްރޫޕް (ސީއެސްޖީ)އަށް ޒިޔާރަތްކުރައްވައި މަސައްކަތްތައް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފައެވެ.