17 Apr 2019, 11:27
ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖިނާއީ ކުށެއް ސާބިތުވެފައި ނުވާ ކޮންމެ ފަރާތަކަށް އިނާޔަތުގެ ގޮތުގައި މަހަކު 35،000 ރުފިޔާ ދޭން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.
ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް އިނާޔަތް ދިނުމަށް އެދި މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. އެ ބިލު ދިރާސާ ކުރުމަށް ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމުން ބިލަށް ވަނީ ބަދަލު ތަކެއް ގެނެސްފަ އެވެ.
ކޮމިޓީން އެ ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ނައިބު ރައީސްކަން ކޮށްފައިވާ މީހަކު ދައުލަތުގެ އެހެން މަގާމެއް އަދާކުރަމުންދާނަމަ އިނާޔަތު ފައިސާ ނުލިބޭ ގޮތަށް ވަނީ ހިމަނާފަ އެވެ. އަދި ނައިބު ރައީސްކަން ކޮށްފައިވާ ފަރާތްތަކުން ތެރެއިން ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ އިނާޔަތް ނުލިބޭގޮތަށްވެސް ބިލުގައި ހިމަނާފައިވެ އެވެ.
ކޮމިޓީން ނިންމި ރިޕޯޓު މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ބަހުސް މަރުހަލާ ކުރިއަށް ގެންގޮސްފަ އެވެ. އެ ބިލަށް ވޯޓަށް އެހުން މިއަދު 1:30 ގައި އޮންނާނެ އެވެ.
ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންގެ ތެރެއިން ކުރިގެ ނައިބު ރައީސް އަހުމަދު އަދީބު މިވަގުތު ހުންނެވީ ޖިނާއީ ހުކުމެއްގަ އެވެ. ދެން ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަނީ ޔާމީން ސަރުކާރުގެ އެންމެ ފަހު ނައިބު ރައީސް އަބްދުﷲ ޖިހާދު އާއި ޔާމީން ސަރުކާުރގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދާއި ވަހީދު ސަރުކާރުގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) އާއި ނަޝީދު ސަރުކާރުގެ ނައިބު ރައީސް އަދި ފަހުން ރައީސް ޑރ މުހައްމަދު ވަހީދު އަހުމަދު އެވެ.
ރައީސްކަން ކޮށްފައިވާ މީހުންނަށް މިހާރުވެސް އިނާޔަތްދެ އެވެ. އެގޮތުން ކޮންމެ ބޭފުޅަކަށް މުސާރައިގެ ގޮތުގައި 75،000 ރުފިޔާ އަދި ދިރިއުޅޭ ތަނަށް 10،000 ރުފިޔާ ދެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކުގެ އޮފީސް ހަރަދުގެ ގޮތުގައި މަހަކު 87،000 ރުފިޔާ ދެ އެވެ.