17 Apr 2019, 11:40
ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގެ ޑެންޓަލް ކެއާ ޔުނިޓް މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސިއްހީ ދާއިރާއަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތެއް ތަފާތު ކުރުމެއް ނެތި މުޅި ރާއްޖޭގެ ސިއްހީ ކަންތައްތައް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.
"ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮކަން މަތީގައި ދިރިއުޅުމަށް މިހާރު ހުރި ގޮންޖެހުންތައް ނައްތާލައި ރާއްޖޭގެ ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާކުރެއްވުން. ކުރިއަށް އޮތް ދުވަސްތަކުގައި ދެމި ތިބޭނީ ރައްޔިތުން ސަރުކާރާ މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމުގައި،"
ރައްޔިތުން އެދޭގޮތަށް ރާއްޖޭގެ ސިއްހީ ދާއިރާގެ އިތުރު ހިދުމަތްތައް ފަށައި މިހާރު ދެވޭ ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ގަދަ އަޅައި މަސައްކަތް ކުރައްވާނެކަމަށްވެސް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.