17 Apr 2019, 10:25
ދިވެހީން އުފައްދާފައިވާ ތަކެތި އެއްތާކުން ދައްކާލުމަށް ބާއްވަމުން އަންނަ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2019ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީއިން ކުރި އިއުލާނުގައި ބުނީ މިއަހަރު ބާއްވާ މައުރަޒުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށްނެރެ އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ ދިވެހި އުފެއްދުންތައް ކުރިއެރުވުން ކަމަށެވެ.
އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ގާއިމްކޮށްދިނުމުގެ އިތުރުން އުވެމުން އަންނަ ދިވެހި އުފެއްދުންތަކާ މާކެޓަށް އަލަށް ނެރޭ އުފެއްދުންތައް ކުރިއެރުވުމަށް ހިއްވަރުދީ ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމް ބަލައިގަތުން އޮންނާނީ މި މަހުގެ 21 އިން ފެށިގެން ޖޫން 30 ގެ 14:00 ގެ ނިޔަލަށެވެ.
އިކޮނޮމިކް މިނިސްޓްރީއިން ބުނީ މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ކަމަށެވެ.
މިމައުރަޒުގައި ބައިވެރިވެވޭނެ ދާއިރާތަށް
1- ވަކިވަކި ފަރުދުންގެ ދާއިރާ
2- ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
3- ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް)
4- ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާ
5- ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
6- ކްލަބު ޖަމިއްޔާ ތަކުގެ ދާއިރާ