މޯބައިލް ފޯނާއި އެހެނިހެން ވެސް މޯބައިލް އެކި ޑިވައިސްތަކަށް ޑިޖިޓަލް ޓީވީގެ ހިދުމަތް ދިނުމަށް ޖަޕާނުން ސަރުކާރާއި އެމްއެންބީސީ އެއްބަސްވެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ޑިޖިޓަލް ޓެރެސްޓްރިއަލް ބްރޯޑްކާސްޓިން ޓެކްނޮލޮޖީ (އައިއެސްޑީބީޓީ) ގެ އެހީގައި ފޯރުކޮށްދޭ އެ ހިދުމަތް ޓެސްޓްކުރުމަށް އެމްއެންބީސީން މިހާރު ވަނީ ޓެސްޓް ސިގްނަލް ފޮނުވަން ފަށާފަ އެވެ. އެކަމަށްޓަކައި މިއަދު ހެނދުނު އެމްއެންބީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސިގްނަލް އިފްތިތާހު ކޮށްދެއްވީ ޖަޕާނުގެ ވައިސް މިނިސްޓާ ފޯ އިންޓާނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް، ޓަކާޝީ މޮރިޓާ އާއި އެމްއެންބީސީގެ ޗެއާމަން މަޑުލު މުހައްމަދު ވަހީދާއި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޮއްޔިބު މުހައްމަދެވެ.

އައެސްޑީބީޓީގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރުމަށް ޓްރޭޑާސް ހޮޓަލްގައި މިއަދު ސެމިނާއެއްވެސް ބޭއްވި އެވެ. އެ ސެމިނާގައި ވާހަކަފުޅު ދައްކަވަމުން ޓަކާޝީ މޮރިޓާ މިއަދު ވިދާޅުވީ އެ ޓެކްނޮލިޖީގެ ސަބަބުން ފަސޭހަކަމާއެކު ރާއްޖޭގެ އެކި ހިސާބުތަކަށް އެޗްޑީ ކޮލިޓީގައި ޓީވީ ފެނުމުގެ އިތުރަށް ދުރާލައި ސުނާމީގެ އިންޒާރު ދިނުމުގެ ގާބިލުކަންވެސް ލިބޭ ކަމަށެވެ.
ޓެސްޓް ސިގުނަލް މިއަދު ދޫކުރަން ފެށިނަމަވެސް އެ ސިގްނަލް ޓެސްޓް ކުރަމުން ގެންދަނީ ހަމައެކަނި އެމްއެންބީސީގަ އެވެ. ޓަކާޝީ ވިދާޅުވީ ކައިރީ މުސްތަގުބަލެއްގައި އެ ހިދުމަތް އާންމުކޮށް ފޯރުކޮށް ދޭނެ ގޮތްތަކެއް ރާވައި އެކަން ސަރުކާރަށް ހުށަހަޅާނެ ކަމަށެވެ.
"މި ފިޔަވަހި ނިމުނީމާ އަޅުގަނޑުމެންނަށް އެނގޭނެ މި ހިދުމަތް އާންމުކުރެވޭނެ ގޮތްތަކެއް. އެކަމަށް އަޅުގަނޑުމެން ގޮތްތަކެއް ރާވާނީ މި ސްޓޭޖަށް ފަހު،" ޓަކާޝީ ވިދާޅުވި އެވެ.

ޖަޕާނާއެކު 11 ގައުމެއްގައި ކާމިޔާބު ކަމާއެކު އައިއެސްޑީބީޓީގެ ހިދުމަތް މިހާރުވެސް އަންނަނީ ދެމުންނެވެ.