ޚުރްތޫމް (އެޕްރީލް 17) : ސޫދާނުގެ ކުރީގެ ރައީސް އުމަރުހަސަން އަހްމަދުލްބަޝީރު ހުންނެވީ ވެރިރަށް ޚުރްތޫމުގެ ގެއެއްގައި އެކަހެރި ގޮތެއްގައި ބަންދުކޮށްފައި ކަމަށާއި އަދި ޔޫއޭއީން އޭނާ އަށް ހިމާޔަތް ދޭން ގަސްދުކުރާކަން ސޫދާނުގައި ވެރިކަންކުރާ އަސްކަރީ މަޖިލިހާ ގުޅޭ ދާއިރާތަކުން ހާމަކޮށްފިއެވެ.

ސޫދާނުގައި ވެރިކަން ކުރާ އަސްކަރީ މަޖިލީހާ ގުޅުންބޮޑު، ނަންހާމަކުރަން ނޭދޭ މަސްއޫލުވެރިއަކު ވިދާޅުވީ ބަޝީރު ގޭބަންދުގައި ބެހެއްޓިނަމަވެސް އޭނާގެ މައްޗަށް ޝަރީއަތް ހިންގުމާއި އަދި ޖަލަށްލުންފަދަ ކަމެއް ކުރުމުގެ ވިސްނުން އަސްކަރީ މަޖިލީހުން ނުގެންގުޅޭ ކަމުގައެވެ. އަދި އަސްކަރީ މަޖިލީހުން ބޭނުންވަނީ ބަޝީރަށް ހިމާޔަތްދޭ ގައުމަކަށް އޭނާ ފޮނުވާލުމަށް ކަމަށާއި ޔޫއޭއީއާއި ޔުގަންޑާއިން ބަޝީރަށް ހިމާޔަތް ދިނުމަށް ހުށަހަޅާފައިވާ ކަމަށް ނަންހާމަކުރަން ނޭދޭ ސޫދާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. ބަޝީރުގެ ގާތްފަރާތްތަކުންވެސް ވަނީ އޭނާ ޚުރްތޫމުގެ ގެއެއްގައި އެކަހެރި ގޮތެއްގައި ބަންދުކޮށްފައި ހުންނެވިކަން ކަށަވަރުކޮށްދީފައެވެ.

ޔުގަންޑާގެ ޚާރިޖީ ކަންތައްތަކާބެހޭ ދައުލަތުގެ ވަޒީރު ހެންރި އޮކީލޯ ވަނީ ބަޝީރަށް ހިމާތަޔް ދިނުމާމެދު އެގައުމުން ވިސްނަމުންދާ ކަމަށާއި ރައީސް ޔޫރީ މޮސިވީނީ އެކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ސޫދާނުގެ ވެރިރަށް ޚުރަތޫމުން ލިބޭ ބައެއް ޚަބަރުތައް ބުނާގޮތުން ޔޫއޭއީ ން މިހާރުވަނީ ބަޝީރަށް ޙިމާޔަތް ދިނުމަށްޓަކައި ސޫދާން ސަރުކާރާއެކު އެއްބަސްވުމަކަށް އައިސްފައެވެ. މި އެއްބަސްވުމުގެ ދަށުން ބަޝީރާއި އޭނާގެ އާއިލާ ޔޫއޭއީ ގެ ވެރިރަށް އަބޫދާބީއަށް ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށްވެސް ސޫދާނުގެ ބައެއް ނޫސްތަކުން ބުނެއެވެ.

ސޫދާނުގެ އެތައް ހާސް ބަޔަކު ގެންދަނީ ބަޝީރާއި އޭނާގެ އައުވާނުންގެ މައްޗަށް ޝަރީއަތް ހިންގުމަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ. ސޫދާނުގެ ސިފައިން ބަޝީރު މަގާމުން ދުރުކުރީ އޭނާގެ އިސްތިއުފާ އަށް ގޮވާލައި އެގައުމުގެ އެތައް ހާސްބަޔަކު ވެރިރަށް ޚުރްތޫމާއި އެނޫން ސިޓީތަކުގައި މުޒާހަރާ ކުރަމުން ގެންދާތާ 5 މަސްވެފައި ވަނިކޮށް މިމަހުގެ 11 ވީ ބުރާސްފަތި ދުވަހުއެވެ. (ނޫސްއެޖެންސީތައް)