ލިއޮނެލް މެސީގެ އާދަޔާ ހިލާފު މޮޅު ކުޅުމަކުން ފަސޭހަކަމާ އެކު މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ބާސެލޯނާ ދަތުރު ކޮށްފި އެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑްގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-3 ގެ ނަތީޖާ އަކުންނެވެ. ރޭގެ މޮޅާ އެކު 0-4 ގެ އެގްރިގެރޭޓް ނަތީޖާއަކުން ބާސެލޯނާ ސެމީގެ ޖާގައެއް ކަށަވަރު ކުރި އިރު ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި 1-2 އިން އެ ޓީމު ބަލިކޮށް ސެމީގެ ޖާގަ ކަށަވަރު ކުރި އަނެއް ޓީމަކީ އަޔެކްސްއެވެ. ސެމީގެ ބާކީ ދެ ޖާގަ މިރޭ ކުޅޭ ދެ މެޗުން ކަށަވަރު ވާނެ އެވެ.

ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑް ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 0-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ބާސެލޯނާ --- ފޮޓޯ/ ޖޯ ރައިޓް

ފުރަތަމަ ލެގުގައި 0-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވި ނަމަވެސް އެ މެޗުގައި އެ ޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް އުފައްދައިފައެއް ނުވެއެވެ. އެ މެޗުގައި ޖެހުނު ގޯލު ވެސް އެއީ ޔުނައިޓެޑްގެ ޑިފެންޑަރެއް ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ. އެއާ ހިލާފަށް ރޭގެ މެޗުގައި ބާސެލޯނާއިން ވަނީ އެމީހުންގެ ހަގީގީ ފެންވަރު ދައްކާލައިފަ އެވެ.

ރޭގެ މެޗަށް ޔުނައިޓެޑުން ނުކުތީ ބަދަލުތަކަކާ އެކު އެވެ. އެޓޭކް ވަރުގަދަ ކުރުމުގެ ގޮތުން އެންތޮނީ މާޝިއަލްއާއި މާކަސް ރަޝްފޯޑްގެ އިތުރުން ޖެސޭ ލިންގާޑްވެސް ޓީމުގައި ހިމަނައިގެން ޔުނައިޓެޑުން ކުޅެން ފެށި އިރު އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ކޮޅު ބާސެލޯނާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ރަޝްފޯޑް ފޮނުވާލި ހަމަލާއެއް ވަނީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

ނަމަވެސް ބާސެލޯނާގެ އަމިއްލަ ދަނޑުގައި އެހެން ބަޔަކު ރަސްކަން ކުރާ ތަން ބަލަން އެ ޓީމުން ނުތިބޭނެ ކަން އެންމެންނަށް ވެސް އެނގޭނެއެވެ. އެގޮތުން އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަށް ލިބުނު ބޯޅައެއް ދެ ކުޅުންތެރިއަކު ކައިރިން ނެއްޓުވުމަށްފަހު ގޯލަށް ފޮނުވާލި ހަމަލާ ގޮސް ވަނީ ގޯލުގެ ތިރީ ކަނަށެވެ. އަހަރުތަކަކަށް ފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މެސީ މި ޖެހި ހިތް ގައިމު ގޯލާ އެކު އޭނާ ނިންމާލީއެއް ނޫނެވެ.

ގޯލަށް ފަހު ޔުނައިޓެޑަށް އެނބުރި ކުޅުމަށް ނާދެވި އުޅެނިކޮށް އަނެއްކާވެސް މެސީ ދުރުން ފޮނުވާލި ހަމަލާއެއް ގޮސް ވަނީ ޔުނައިޓެޑްގެ ގޯލް ކީޕަރު ޑޭވިޑް ޑެހެއާގެ ބަނޑުދަށުން ފުރޮޅެމުން ގޮހެވެ.

މެސީގެ ދެ ގޯލާ އެކު ބާސެލޯނާއިން އެމީހުންގެ ރަސްމީ ކުޅުމުގެ ވައްޓަފާޅި (ޓިކީ ޓަކާ) ގެ ފަރި ކުޅުން ކުޅެން ފެށި އެވެ. އަދި އެއާ އެކު ޔުނައިޓެޑުގެ މުޅި ޓީމު "ހާލިވެ" މޮޅުވުމުގެ އުންމީދު ގެއްލިގެން ދިޔައެވެ.

ބާސެލޯނާއިން ރޭގެ މެޗުގައި ޖެހި ތިން ވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ބްރެޒިލްގެ ފޯވާޑް ފިލިޕޭ ކުޓީނިއޯ އެވެ. އޭނާ ވެސް ވަނީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ.

ބާސެލޯނާއާއި ސެމީ ފައިނަލުގައި ބައްދަލު ކުރަން ޖެހޭ ޓީމެއް އެނގިގެންދާނީ މިރޭ ލިވަޕޫލްއާއި ޕޯޓޯ ކުޅޭ މެޗު ކުޅުމުންނެވެ. ފުރަތަމަ ލެގުގައި 0-2 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެފައި ވާ އިރު މިރޭގެ މެޗުން އެއްވަރު ވިޔަސް ލިވަޕޫލް ސެމީއަށް ދަތުރު ކުރާނެ އެވެ.