18 Oct 2011, 19:44
ޑީޕީއާރްއެސްގެ ފަސް މުވައްޒަފުނާއި ބެހޭގޮތުން ސިވިލްސާވިސްކޮމިޝަން (ސީއެސްސީ) އިން އިއްޔެ ނެރުނު ނޫސް ބަޔާނަކީ އެ ކޮމިޝަނުން ކޮށްފައިވާ ވަރަށް ޒިންމާދާރުކަންކުޑަ އަމަލެއްކަމަށް ޑީޕީއާރްއެސް ހިންގުމާއި ހަވާލުވެހުންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް (މޮނާޒާ ނައީމް) ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކޮށް ނައީމް ވިދާޅުވީ ޑީޕީއާރްއެސްގެ ފަސް މުވައްޒަފަކު ބޭއްވި ނޫސްކޮންފަރެންސްގައި ޑީޕީއާރްއެސްއާ ބެހޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ. އަދި އެ ބައްދަލުވުމާ ބެހޭގޮތުން ސިވިލްސާވިސް ކޮމިޝަނުން ނެރުނު ނޫސްބަޔާނަކީ ޒިންމާދާރު މުއައްސަސާއަކުން ކޮށްގެންވާނެކަމެއް ނޫންކަމަށެވެ.
"ޑީޕީއާރްއެސްގެ މުވައްޒަފުން ބޭއްވި ނޫސްކޮންފަރެންސަކީ އެ ބޭފުޅުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ބާރުގެ ދަށުން އެބޭފުޅުންގެ ބުރޭކް ގަޑީގައި ބޭއްވި ބައްދަލުވުމެއް... އެކަހަލަ ނޫސްބަޔާން ނެރުމަކީ ސިވިލްސާވިސް ކަހަލަ ޒިންމާދާރު މުއައްސަސާއަކުން ކޮށްގެންވާނެ ކަމެއްނޫން،" މޮނާޒާ ނައީމް ވިދާޅުވިއެވެ.
~
މާލޭ، ޓްރޭޓާސް ހޮޓެލްގައި ނޫސްރިންނާއި ބައްދަލުކޮށް ޑީޕީއާރްއެސްގެ ފަސް މުވައްޒަފުން ދިން ކޮންފަރެންސާ ގުޅިގެން އެ ފަސް މުވައްޒަފުން ވަނީ ސީއެސްސީން ވަގުތީ ގޮތުން ސަސްޕެންޑު ކޮށްފަ އެވެ.
އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން މޮނާޒާ ނައީމް ވިދާޅުވީ އެފަދަ ފިޔަވަޅެއް އެޅިކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނޫސްތަކުގައި ފިޔަވަޅު އެޅިކަމަށް ލިޔެފައިއޮތަސް އެކަމަކީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މިދެންނެވީ ފުރަތަމައިނުން ސަސްޕެންޝަންގެ ފިޔަވަޅު އެޅިކަމެއް އަޅުގަނޑަށް އެނގޭކަށްނެތޭ ދެން ކިހިނެތްތޯ އަޅުގަނޑު ތިޔަ ސުވާލަށް ޖަވާބުދޭނީ،" ނައީމް ވިދާޅުވިއެވެ.
ސިވިލްސާވިސްގެ ރަސްމީގަޑީގައި މުވައްޒަފުންނަށް އެހެން މަސައްކަތެއް ނުކުރެއްވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވާތީ ނައީމް ވިދާޅުވީ ފަސް މުވައްޒަފުން ނޫސްވެރިންނަށް މައުލޫމާތުދިނީ އެމީހުންގެ އިންޓަވަލް ގަޑީގައި ކަމަށާއި އެއީ ގާނޫނު އަސާސީން އެމީހުންނަށް ލިބިފައިވާ ހައްގެއް ކަމަށެވެ.
ސީއެސްސީން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ރަސްމީ މަސައްކަތު ގަޑީގައި ޑީޕީއާރްއެސްގެ ފަސް މުވައްޒަފަކު ނޫސް ކޮންފަރެންސްއެއް ބާއްވައި އެނޫސް ކޮންފަރެންސްގައި އެ ޑިޕާޓްމަންޓާބެހޭ ގޮތުންނާއި ބައެއް މުވައްޒަފުންނާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ، ޑިމޮކްރެޓިކް މުޖުތަމަޢްއެއްގައި ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފެއް ޢަމަލުކޮށްގެންވާނެ ގޮތް ކަމަށް ކޮމިޝަނުން ނުދެކޭ ކަމަށެވެ.
ސިވިލް ސަވިސްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ އެއްވެސް މުވައްޒަފަކު، އެ މުވައްޒަފެއްގެ ރަސްމީ މަޤާމުގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތެއް، އެ މަޢުލޫމާތެއް ހާމަކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެމަތިން، އެ މުވައްޒަފެއްގެ ރަސްމީ ހައިސިއްޔަތުން މެނުވީ ހާމަކޮށްގެން ނުވާނެކަމަށް ސިވިލް ސާވިސް ގެ ޤާނޫނުގެ 28 ވަނަ މާއްދާގެ (ބ) ގައި ބުނެ އެވެ.