18 Oct 2011, 19:31
އައިލޭންޑް އޭވިއޭޝަން ސާވިސަސް އިން އިތުރު މަތިންދާ ބޯޓެއް މިއަދު ގެނެސްފި އެވެ. އެކުންފުނިން ބުނީ ޑެންމާކްގެ ޑެނިޝް އެއާ ޓްރާންސްޕޯޓާ ގުޅިގެން، ބޯޓެއް ގެނައީ އަންނަ ބޮޑު ބަންދުގައި ޑޮމެސްޓިކް ދަތުރުތަކަށް ބާރު ބޮޑުވާނެތީ ބަންދަށް އަމާޒުކޮށްގެން ދެމަސް ދުވަހަށް ކަމަށެވެ.
އެތެރޭ އުދުހުންތަކުގެ ހިދުމަތްދޭ ކުންފުންޏަށް ގެނައީ48 މީހުންގެ ޖާގަ އޮންނަ ބޯޓެކެވެ. އޭޓީއާރު 500-42 މަރުކައިގެ ބޯޓު ބޮޑު ބަންދުގެ ދަތުރުތަކުގައި އުދުހޭއިރު ބޯޓުގައި ޕައިލެޓުންނާއި ކުރޫންގެ ގޮތުގައި ތިބޭނީ ޑެނިޝް އެއާ ޓްރާންސްޕޯޓްގެ މުވައްޒަފުންނެވެ.
އައިލޭންޑް އޭވިއޭޝަން ގެ މީޑިއާ ކޯޑިނޭޓާ އަލީ ނަޝާތު ހަމީދު މިއަދު ވިދާޅުވީ ކުށްޔަށް ގެނައި ބޯޓްގެ ދަތުރުތައް ބަންދާ ދިމާކޮށް ދެ މަސް ދުވަހަށް ހަމަޖެއްސި ނަމަވެސް މުއްދަތު އިތުރު ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ކުއްޔަށް ގެނައި ބޯޓުގެ ސަބަބުން ބޮޑު ބަންދާ ދިމާކޮށް އެތެރޭގެ އުދުހުންތަކުގައި ޖާގަ ހޯދުމުގައި ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުއެއް ލިބިގެންދާނެ ކަމަށެވެ.
"މިއަދު ގެނައި ބޯޓަކީ ބޮޑު ޗުއްޓީ އާ ދިމާކޮށް ޑޮމެސްޓިކް ދަތުރުތަކަށް ގެނައި ބޯޓެއް. މިބޯޓަކީ 48 މީހުންގެ ޖާގައިގެ ބޯޓެއް،" ނަޝާތު ވިދާޅުވިއެވެ. "މި ބޯޓަކީ ލީޝް އަކަށް (ކުއްޔަށް) ގެނައި ބޯޓެއް. އެހެންވީމާ މިބޯޓު ގެ ދަތުރުތައް ހަމަޖެހިފައިވަނީ ދެ މަސް ދުވަހަށް. އެއަށް ފަހު، ފަހަރެއްގައި މުއްދަތު އިތުރުވެސް ކޮށްފާނެ،"