ޓީވީއެމް ހިންގި، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން، އެމްއެންބީސީއިން ބިޒްނަސް އިމޭޖް ގްރޫޕް، ބިގަށް 78 މިލިއަން ރުފިޔާ ދޭން ޖެހޭ މައްސަލައިގެ ތަހުގީގު އޭސީސީއިން ފަށައިފި އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ، ހަސަން އިސްމާއީލްގެ ހިއްސާ އޮންނަ ބިގާއި ޓީވީއެމްއާ އެކު ހެދި މާކެޓިން އެގްރިމަންޓެއްގެ ދަށުން ބިގަށް 78 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރު އެވެ. އެ ހުކުމުގައި ބުނީ، އެމްއެންބީސީ އާއި ބިގާ ދެމެދު 2010 ގައި ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ބިގަށް ފަސް މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. އެ އަދަދަށް 73 މިލިއަން އިތުރުވެފައި ވަނީ ފައިސާ ނުދައްކައި ގިނަ ދުވަސްވުމުންނެވެ.

ބިގަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ މިހާރު ޕީއެސްއެމް އިން ވަނީ ބިގަށް ދައްކައިފަ އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު "ސަން"އަށް މިއަދު ވިދާޅުވީ، ބިގުގެ މައްސަލައިގައި އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެއް އެ ކޮމިޝަނުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ނަމަވެސް، ޝަރުއީ ކޯޓަކުން ކޮށްފައި އޮތް ހުކުމެއްގެ މައްސަލަ އޭސީސީއިން ބަލަނީ ކޮން ގޮތަކަށްތޯ ސުވާލު ކުރުމުން، މުއައްވިޒު ވިދާޅުވީ، އެ މައްސަލައަކީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ އެ މައްސަލައާ ގުޅޭ ގޮތުން އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވަނީ ބިގުގެ މައްސަލައާ މެދު ވާހަކަ ދައްކައިފަ އެވެ. އެ ބައްދަލުވުމުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މުސާ ހުށަހެޅުއްވީ އެ މައްސަލައިގައި މުރާޖާ ކުރަން ޖެހޭ ކަންތައްތައް ބެލުމަށް ބަންޑާރަނައިބަށް ސިޓީއެއް ފޮނުވުމަށެވެ.

އެ ހުށަހެޅުމަށް ތާއީދުކޮށް ވާހަކަދެއްކި މެމްބަރުން ވިދާޅުވީ، އެ މައްސަލަ ބެލުން އެންމެ އެކަށީގެން ވަނީ ބަންޑާރަނައިބު ކަމަށެވެ. ނަމަވެސް، ކޮމިޓީގައި ބައެއް މެންބަރުން މިއަދު ތާއީދުކުރެއްވީ އެ މައްސަލަ އޭސީސީއިން ބެލުމަށެވެ.

ބިގަށް 78 މިލިއަން ރުފިޔާ ދޭން ޖެހޭ މައްސަލަ އޭސީސީއިން ބަލަމުންދާއިރު ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓަށް ލިމިޓެޑަށް ކަސްޓަމްސް އިން 22 މިލިޔަން ރުފިޔާ ދިން މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް މިއަދު މުއައްވިޒު ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް، އެ މައްސަލަ ތަހުގީގު ކުރަން އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ. މުއައްވިޒު ވިދާޅުވި ގޮތުގައި އޭސީސީއިން މިހާރު ބަލަނީ، އެ މައްސަލަ ތަހުގީގު ކުރަން ފެށުމުގެ ކުރިން ބަލަން ޖެހޭ ކަންތައްތައް ބެލުމެވެ.