ޗައިނާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ބީޓުބީ ފެއާ ސީއޯޓީޓީއެމްގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

އިއްޔެ ޗައިނާގެ ބެއިޖިންގްގައި ފެށި އެ ފެއާ މާދަމާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ އެ ފެއާގައި ރާއްޖެ ތަމްސީލުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއާ އެކު ރާއްޖެ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ 10 ކުންފުންޏަކުން ބައިވެރިވާ ކަމަށެވެ.

އެ ފެއާގައި ރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅެއްގައި ގޮތުން ހަރަކާތްތެރިވަނީ ރާއްޖެ އިން ޗައިނާއަށް ކަނޑައަޅުއްވާފައި ސަފީރު މުހައްމަދު ފައިސަލް އެވެ.

އެ ފެއާގައި ރާއްޖޭގެ ސްޓޭންޑް އިން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރީތިކަން ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ދައްކާލުމާއި، ރާއްޖޭގެ ކާތަކެތީގެ ރަހަތައް ދައްކާލުމުގެ އިތުރުން މީސް މީޑީއާގައި ރާއްޖޭގެ ފޮޓޯތައް ޝެއާ ކުރާ ފަރާތްތަކަށް ހާއްސަ ހަދިޔާއެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ.

އެފެއާއަކީ އެފްރިކާގެ ވަރަށް ގިނަ ޓްރެވަލް އޭޖެންޓުން ޒިޔާރަތްކުރާ ފެއާއަކަށްވުމުން އެ ފަރާތްތަކާ ވެސް ރާއްޖެ އިން ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ބޮޑު އެއް ސިންގަލް މާކެޓް އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ޗައިނާ އިން ރާއްޖެ އަށް ވަނީ 283116 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.