16 Apr 2019, 15:21
ރަމަޟާން މަހާ ދިމާކޮށް އެސްޓީއޯ އިން ވިއްކާ ފިޔާ، ބިސް އަދި އަލުވީގެ އަގު ހެޔޮކޮށްފި އެވެ.
އެ ކުންފުނިން މިއަދު ބުނީ ފިޔާ ކިލޯއެއް ހަތް ރުފިޔާ އަށް، ވަކިން ބިސް ގަންނަ ނަމަ ބިހެއް 1.50 ރުފިޔާ އަށް އަދި އަލުވި ކިލޯއެއް 8.50 ރުފިޔާ އަށް ހެޔޮކޮށްފައިވާ ކަމަށެވެ.
ބިސް ކޭހެއް އެސްޓީއޯ އިން ވިއްކަނި 270 ރުފިޔާ އަށެވެ. ފަންސަވީސް ކޭހަށް ވުރެ ގިނައިން ގަންނަ ނަމަ 260 ރުފިޔާ އަށް ބިސް ކޭހެއް ވިއްކަ އެވެ.
އަލުވި ބަސްތާއެއްގެ އަގު އުޅެނީ 180 ރުފިޔާ އަށެވެ. ފަންސަވީސް ބަސްތާ އަށް ވުރެ ގިނައިން ގަންނަ ނަމަ 170 އަށް އަލުވި ބަސްތާ ވިއްކާއިރު ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 140 ރުފިޔާ އަށެވެ. ފަންސަވީސް ބަސްތާ އަށް ވުރެ ގިނައިން ގަންނަ ނަމަ 130 ރުފިޔާ އަށް ވިއްކަ އެވެ.
މިއީ މިހާރު ބާޒާރުގައި މިތަކެތި ވިއްކާ އަގަށްވުރެ ހެޔޮ އަގެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
It’s that time of the year and we’re fully stocked with fresh stocks, releasing for sale today from STO Supermart, Supermart Wholesale Center and STO Industrial Warehousepic.twitter.com/a3Z6eGnNEh
— STO Supermart (@sto_supermart)April 15, 2019
އެސްޓީއޯ އިން ބުނީ އަގުހެޔޮކޮށް ވިއްކާ ބިސް، ފިޔާ އަދި އަލުވި އެސްޓީއޯ ސުޕަމާޓް، ހޯލްސޭލް ސެންޓަރު އަދި އިސްޑަސްޓްރިއަލް ވިލެޖުގައި ހުންނަ ގުދަނުން ވިއްކަން ފަށާފައިވާ ކަމަށެވެ.
އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އެތަކެތީގެ އަގު އެއްވަރެއްގައި ހިފަހައްޓައިގެން ހުސްނުކޮށް ރޯދަމަސް ނިމެންދެން ވިއްކުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ.