ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއުލާން ކުރައްވާފައިވާ ދެ ވަނަ ފުރުސަތުގެ ދަށުން މިނިވަންކުރާ 400 ގައިދީންގެ ތެރެއިން 60 ގައިދީއަކު މާދަމާ ރޭ މިނިވަންކޮށް އެމީހުންގެ އާއިލާތަކާ ހަވާލުކުރާނެ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް (މޮނާޒާ ނައީމް) ވިދާޅުވެއްޖެއެވެ.

ނައީމް މިހެން ވިދާޅުވީ ދެވަނަ ފުރުސަތުގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ނައީމް ވިދާޅުވީ ކުށްވެރިން ދޫކުރުމަށް މާދަމާރޭ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި އެކަމާއި ގުޅޭ އިތުރު މައުލޫމާތު މިވަގުތަށް ދެވެން ނެތްކަމަށްވެސް ނައީމް ވިދާޅުވިއެވެ.
" ދެވަނަ ފުރުސަތުގެ ދަށުން 60 ގައިދީއަކު މާދަމާރޭ ދޫކުރާނެ. އެކަމަށްޓަކައި މާދަމާރޭ ހާއްސަ ޖަލްސާއެއް ވެސް ބާއްވާނެ. މިކަމާއިބެހޭ އިތުރު މައުލޫމާތު މިރޭ ދެވޭކަށްނެތް. މާދަމާރޭ އިތުރު ތަފުސީލު ލިބޭނެ،" ނައީމް ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ވަނަ ފުރުސަތު ދަށުން ދޫކޮށްލި ދެ މީހަކު ކުށަށް އަރައިގަތް މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ. ވިދާޅުވީ މަގުމަތީގައި ހަމަނުޖެހުން ހިންގުމާއި ވައްކަމުގެ މައްސަލައެއްގައި ދެ މީހެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި ދެ ވަނަ ފުރުސަތުގެ ދަށުން ދޫކޮށްލި ހަ މީހެއްގެ މަސްތުވާތަކެތީގެ މައްސަލަތަކެއް ފަޅާއަރާފައިވާ ކަމަށެވެ.

ދެވަނަ ފުރުސަތުގެ ދަށުން މިހާތަނަށް 200 ގައިދީއަކުވަނީ މިނިވަންކޮށް އެމީހުންގެ އާއިލާތަކާއި ހަވާލުކޮށްފަ އެވެ. އޭއީ އޮގަސްޓު މަހުތެރޭ ފުރަތަމަ ބުރުގެ ދަށުން މިނިވަން ކުރި 84 މީހަކާއި ހަމަ އެ މަހު މިނިވަން ކުރި 47 މީހަކާއި އަދި އޮކްޓޯބަރު މަހުގެ ކުރީކޮޅު ދޫކޮށްލި 69 މީހުންނެވެ.