16 Apr 2019, 12:42

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފްގެ ބޭންކް އެކައުންޓުން އަމިއްލަ އެކަންޓަށް ފައިސާ ޖަމާވުމުގެ ސަބަބުން ސަސްޕެންޑް ކުރި ޕްލޭނިން އެންޑް އާބަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ސަސްޕެންޝަން ވެސް އުވާލައިފި އެވެ.
އެމްއެމްޕީއާރުސިގެ ހިޔާނާތުގެ ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އާންމު ކުރި އިރު، އަކްރަމްގެ އިތުރުން ދެން ސަސްޕެންޑް ކުރީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެވެ.
އަކްރަމްގެ ސަސްޕެންޝަން އުވާލާފައިވާ އިރު، އެސްއޯއެފް އެކަންޓުން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވުމު ސަބަބުން ސަސްޕެންޑް ކުރި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު މަހްލޫފުގެ ސަސްޕެންޝަންވެސް ވަނީ އުވާލާފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާޙިމް ހޫދު މިއަދު "ސަން" އަށް ވިދާޅުވީ މަހްލޫފުގެ ސަސްޕެންޝަންއާމެދު ގޮތެއް ނިންމަވާފައިވާއިރު، އަކްރަމްގެ ސަސްޕެންޝަންއާމެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ.
ނަމަވެސް ފަހުން ހޫދު ވިދާޅުވީ، އެ ދެބޭފުޅުންގެ ސަސްޕެންޝަން ވެސް ރައީސް ސޯލިހް މިއަދު އުވާލާފައިވާކަމަށެވެ. އަކްރަމްވެސް ވަނީ އޭނާގެ ސަސްޕެންޝަން މިއަދު އުވާލިކަން 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ. ވިދާޅުވީ ސަސްޕެންޝަން އުވާލިކަމުގެ ސިޓީ ލިޔުމުން މިއަދު ހެނދުނު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގު ރިޕޯޓުގައިވާ ގޮތުން، ހިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި، އެސްއޯއެފް އެކައުންޓުން އަކްރަމްގެ އެކަންޓަށް 30،000 ޑޮލަރު (462،600 ރުފިޔާ) ޖަމާކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އޭރު އަކްރަމް ބުނެފައިވަނީ، އެ ރިޕޯޓާއި ގުޅިގެން ތުހުމަތު ކުރެވޭ ސިޔާސީ ބޭފުޅުން އެ މީހުންގެ ޒިންމާއިން ސަސްޕެންޑް ކުރުމަށް ރައީސް ނިންމެވި ނިންމެވުމަށް އިހުތިރާމް ކުރައްވާ ކަމަށެވެ. އަދި އެއީ އެ މައްސަލަތައް ބަލައި ހޯދޭ ކަންކަން އަވަހަށް އާއްމުންނަށް އަންގަން ޖެހޭ ސަބަބެއް ކަމަށް ވެސް އަކްރަމް އޭރު ކުރެއްވި ޓްވީޓްގައި ލިޔެފައިވެ އެވެ.
އެމްއެމްޕީއާރުސީއިން ދޫކުރި 57 ރަށާއި ފަޅަކަށް އެ ކޯޕަރޭޝަނަށް 77.4 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު، އެ ކޯޕަރޭޝަނަށް ލިބިފައި ވަނީ 12 މިލިއަން ޑޮލަރު ކަން އޭސީސީން ނެރުނު ތަހުގީގު ރިޕޯޓުން ވަނީ ހާމަވެފައެވެ.
ACC/Police inn evves massalaeh neiykan yageen kurevvumahfahu, alhugandah ithubaaru kuravvaa alun rasmee masahakathah neredhevvi kamahtakai Raees@ibusolihshukuru dhannavan.
Thedhuveri kamaaieku masahkathuga dhemihunnaanan.
Ithubaaru kurevvi emmebeyfulhunnah shukuriyya.