ޣައްޒާސިޓީ (އޮކްޓޯބަރ 18) : ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ ސިފައިންގެމީހާ މިނިވަންކުރުމުން، އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރުންގެ ތެރެއިން 477 މީހަކު މިނިވަންކޮށްފިއެވެ.

މިނިވަންކުރި ފަލަސްތީނުގެ 477 އަސީރުންނަށް ފަލަސްތީނުގެ ރައްޔިތުން ކިޔާފައިވަނީ ބަތަލުންގެ މަރުޙަބާ ކަމަށް އަލްޖަޒީރާ ޚަބަރުދެއެވެ. މީގެތެރެއިން އެއްބަޔަކު ބޮޑެތި ބަސްތަކުގައި ޣައްޒާއަށް ދިޔައިރު އަނެއްބަޔަކު ދިޔައީ ހުޅަނގު އައްސޭރިއަށެވެ.

2006 ވަނަ އަހަރު ޙަމާސްއިން ހައްޔަރުކުރި ޖަލްޢާދު ޝާލީތުގެގެ ބަދަލުގައި ފަލަސްތީނުގެ 1027 މީހަކު މިނިވަންކުރުމަށް މިދިޔަ ހަފްތާގައި އިސްރާއީލުވަނީ އެއްބަސްވެފައެވެ. މިއެއްބަސްވުމާއެއްގޮތަށް ޙަމާސް ޖަމާއަތުން ޝާލީތު މިނިވަންކުރުމުން އިސްރާއީލުން ފަލަސްތީނުގެ 477 އަސީރަކު މިއަދު މިނިވަންކުރިއިރު މި އެއްބަސްވުމުގައި ހިމެނޭ އަނެއް 550 އަސީރުން މިނިވަންކުރުމަށް ހަމަޖެހިފައިވަނީ ދެމަސް ފަހުންނެވެ.

މިއަދު މިނިވަންކުރި އަސީރުންގެ ތެރޭގައި އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ހުރިހާ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމުގައި ޙަމާސުން އެންމެ ބޮޑަށް އިސްކަންދިނީ އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިންނާ އަދި މުސްކުޅިންނަށެވެ.

އަސީރުން ބަދަލުކުރުމުގެ މިއެއްބަސްވުން ވުޖޫދަށް ގެނައުމުގައްޔާއި ތަންފީޒު ކުރުމުގައި މެދުވެރިއެއްގެބައި އަދާކުރީ މިސްރުންނެވެ. ޙަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ ސިފައިންގެ މީހާ ޖަލްޢާދު ޝާލީތު މިނިވަންކުރުމަށްޓަކައި މިއަދު ޙަމާސުން އޭނާ ޙަވާލުކުރީ މިސްރު ސަރުކާރާއެވެ. މިސްރުން އޭނާ އިސްރާއީލަށް ގެންދިޔައީ ޢަސްކަރީ ބޯޓެއްގައި އިސްރާއީލުގެ ވައިގެ ބޭހަކަށް ކަމަށާއި އެތާނގައި ޝާލީތާ އިސްތިޤްބާލް ކުރެއްވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ކަމަށް ޚަބަރުލިބެއެވެ. އިސްރާއީލު ސިފައިންގެ ތަރްޖަމާނެއް ކަމަށްވާ ޖެނެރަލް ޔުވާފް މުރަދަޚާއި ވަނީ ޝާލީތު ފަސް އަހަރަށްފަހު މިނިވަންވެގެން އެނބުރި ޤައުމަށް އައިކަން ކަށަވަރުކޮށްދެއްވާފައެވެ.

ޙަމާސް އިން 2006 ވަނަ އަހަރު އިސްރާއީލުގެ ސިފައިންގެ މީހަކު ހައްޔަރުކުރުމުގެ ބޭނުމަކީ އިސްރާއީލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ އެތަށް ހާސް އަސީރުން ގެ ތެރެއިން ބަޔަކުނަމަވެސް މިނިވަންކުރުމަށް އިސްރާއީލަށް މަޖްބޫރު ކުރުވުން ކަމަށާއި އެމަޤްސަދް މިހާރު ޙާސިލް ކުރެވިއްޖެ ކަމަށް އެޖަމާއަތުން ބުނެއެވެ. އިސްރާއީލަށް ވިސްނޭ ހަމައެކަނި ބަހަކީ މުލައްދަނޑީގެ ބާރުކަމަށާއި އިސްރާއީލުގެ ޖަލުތަކުގައި ދެންތިބި ފަލަސްތީނުގެ އަސީރުންވެސް މިނިވަންކުރުމަށްޓަކައި އިސްރާއީލު ސިފައިންގެ އިތުރުމީހަކު މުސްތަޤްބަލްގައި އަސީރުކުރަންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެޖަމާއަތުން ބުނެއެވެ. -- އަލްޖަޒީރާ