10:00


ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުގައި މަނާކަމެއް ކަމުގައި ބުނެފައި ނެތަސް، އިސްލާމީ ޝަރީއަތުގައި މަނާކުރެވިފައިވާ ކުށްތަކަށް އުގޫބާތް ކަނޑައަޅަންޖެހިއްޖެ ހިނދެއްގައި، އެކަމަށް އަދަބުނުދެވޭ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހް ނުގެނައުމަށް ހައިކޯޓުން ރައްޔިތުންގެ މަޖިލީހަށް އަމުރުކޮށްފި އެވެ.


ހައިކޯޓުން ބުނީ އިއްޔެ އޮތް މައްސަލައަކާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރު ވަނީ ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނައިރު، އިސްލާމީ ޝަރީއަތުގައި އަދަބު ކަނޑައެޅިފައިވާ ކުށްކުށަށް އަދަބު ނުދެވޭ ގޮތަށް ގާނޫނުލްއުގޫބާތް އިސްލާހު ނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް އަމުރު ކުރައްވައިފައި ކަމަށެވެ.


ހައި ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެގޮތަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް އަމުރުކޮށްފައި ވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރަކު އިން ކޮޓަރިއަކަށް މިދިޔަ އެފްރީލް މަހުގެ ތެރޭގައި މީހަކު ވަދެ، ކޮންޓްރޯލް ޑްރަގެއް ލިޔެދިނުމަށް އެދުމުން ޑޮކްޓަރު އެކަމަށް އިންކާރު ކުރުމުން ޑޮކްޓަރާ ދިމާލަށް ހުތުރު އެއްޗެހި ގޮވާ ”ހޭއަރުވާލާނަމޭ” ބުނި މައްސަލައިގެ ހުކުމްގައި ކަމަށެވެ. އަދި އެ މައްސަލާގައި ސުލްހަތުގެ މައްޗަށް ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ، އެ ކަންތައް ކުރި ކަމަށް އެ މީހާ ޝަރީއަތުގައި އެއްބަސްވެފައި އޮތް ނަމަވެސް، އޭނާ ކުރި ކަމަކީ ގާނޫނަކުން ނުވަތަ ގަވާއިދަކުން ނުކުރުމަށް އަންގާފައިވާ ކަމެއް ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާތީ ކުށް ސާބިތުނުވާ ކަމަށެވެ.


ގާނޫނުގައި ނެތް ކަމަށް ބުނެ ޖިނާއީ ކޯޓުން ސާބިތު ނުވާކަމަށް ހުކުމްކުރި އެ މައްސަލަ ހައިކޯޓުން ބެލުމަށްފަހު، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުން މ. ކުރެވި، ސުލްހަތު އަބްދުﷲ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ، އޭނާ ހަތަރު މަސް ދުވަހަށް ގޭ ބަންދުކުރުމަށް ހައިކޯޓުން ހުކުމްކޮށްފައިވާ ކަމަށް ވެސް ހައިކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.


ހައި ކޯޓުގެ ފަނޑިޔާރު ހުކުމް އިއްވަވަމުން ވިދާޅުވީ ގާނޫނާއި، އިސްލާމީ ޝަރީއަތުގައި މަނާ ކޮންމެ ކަމަކީ ރާއްޖޭގައި ވެސް މަނާ ކަމެއް ކަމަށް ބެލުމަށް، ގާނޫނު އަސާސީގެ ދެ ވަނަ މާއްދާ އާއި 10 ވަނަ މާއްދާ އާއި 19 ވަނަ މާއްދާ އާއި އަދި 59 ވަނަ މާއްދާގެ ދަށުން ލާޒިމްވާ ކަމަށެވެ. އަދި ގާނޫނުގައި ބަޔާންކޮށްފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީއަތަށް ރިއާޔަތް ކުރަންޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 142 ވަނަ މާއްދާގެ ހ. ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.


މީސްމީހުންނަށް ބިރުދެއްކުމާއި، ހުތުރު އެއްޗެހި ކިޔުމާއި، ގެއްލުމެއް ދީފާނެ ކަމަށް ބުނެ އިންޒާރު ދިނުމާއި، ތަހުގީގަކަށް ހުރަސް އެޅުމާއި، ތަހުގީގަކަށް ބޭނުންވާ ސާމްޕަލް ދިނުމަށް އިންކާރު ކުރުމާއި، އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަތިޔާރު ބޭނުން ކުރުމާއި، އިޖްތިމާއި އިގްތިސާދީ ނިޒާމްގެ އަސާސްތަކަށް ލޮޅުމެއް އަރާފާނެ ފަދަ އިސްލާމީ ޝަރީއަތުގައި މަނާ ކަމެއް ކުރުމަކީ ގާނޫނު ނުވަތަ ގަވާއިދުގައި ބުނެފައި ނެތްނަމަވެސް މަނާ ކަންތައްތަކުގެ ގޮތުގައި ބަލަންޖެހޭނެ ކަންތައްތައް ކަމަށް ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.