15 Apr 2019, 13:39
ޖަލުތަކުން މީހުން މިނިވަންވުމުގައި އާއި ޖަލުތަކުގައި ދެވޭ ހިދުމަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތައް ހިނގާ ކަމަށް ޖަލު އޮޑިޓް ކޮމިޝަނުން އެކުލަވާލި ޖަލު އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.
ޖަލުތަކުގެ އާންމު ހާލަތު ދެނެގަތުމަށް ޓަކައި، ޖަލު އޮޑިޓެއް ހެދުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ބަންދު ދުވަސް ނުލައި، 100 ދުވަސް ހަމަވަނީ މިއަދަށެވެ.
ޖަލު އޮޑިޓް ކޮމިޝަނުން މިއަދު ވަނީ އެ ޖަލު އޮޑިޓް ރިޕޯޓު ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ އާ ހަވާލުކޮށްފަ އެވެ.
"މިއީ ފޮތް ހަރުގަނޑަށް އިތުރުކޮށްލެވޭ ފޮތެއްގެ ގޮތުގައި އަޅުގަނޑުމެން ދޫނުކޮށްލާނަން. މި ރިޕޯޓުގައި ފާހަގަ ކުރެވިފައި ހުރި، ކަންކަމަށް ބަލައި، ޖަލުތައް ރަނގަޅުކުރުމުގެ މައިގަނޑު އަސާސަކީ އިރާދަކުރެއްވިއްޔާ މި ރިޕޯޓުކަމުގައި ހަދާނަން،"އިމްރާން

ޖަލު ކޮމިޝަނުން އެކުލަވާލި ޖަލު އޮޑިޓް ހޯމް މިނިސްޓަރަށް އަރުވަނީ: ބައެއް މީހުން ޖަލުން މިނިވަންވުމުގައި އާއި ޖަލުގައި ދެވޭ ހިދުމަތްތަކުގައި ކޮރަޕްޝަން ހިނގާ ކަމަށް އެ ރޮޕޯޓުގައި ވަނީ ބުނެފައި -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
އާންމުނަށް އަދި އެ ރިޕޯޓު އާންމުކޮށްފައި ނުވި ނަމަވެސް، އެ ރިޕޯޓުގެ ހުލާސާ އިއްވަމުން ޖަލު އޮޑިޓް ކޮމިޝަންގެ މެމްބަރު އަހްމަދު މުހައްމަދުފުޅު ވަނީ އެ ރިޕޯޓުން ފާހަގަވި ބައެއް ކަންތައް ނޫސްވެރިންނާ ހިއްސާ ކުރަވައިފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަހްމަދު ވިދާޅުވީ، ޖަލުތަކުގައި ކޮރަޕްޝަންގެ އަމަލުތަކާއި އަނިޔާގެ މައްސަލަތައް ހިނގާކަން އޮޑިޓް ރިޕޯޓުން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ޖަލުތަކުން މީހުން މިނިވަންވެގެން ދިޔުމާއި ޖަލުތަކުން ދެވޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި ކޮރަޕްޝަށް މަގުފަހިވާ ބައެއް ކަހަލަ ކަންކަން ހުރިކަން އަޅުގަނޑުމެން ފާހަގަ ކުރަން... މީގެ އިތުރުން ޖަލުތަކުގެ ތެރޭގައި އަނިޔާގެ މައްސަލަތައް ހިނގާކަން ފާހަގަ ކުރެވިފައިވޭ،" ސުވާލުކުރުމަށް ފުރުސަތުނުދީ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަހްމަދު ވިދާޅުވި އެވެ.

ޖަލު ކޮމިޝަންގެ މެމްބަރު އަހްމަދު އޮޑިޓްގެ ހުލާސާ އިއްވަނީ: އޭނާ ވިދާޅުވީ، ޖަލުން މީހުން މިނިވަންވުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
އަހްމަދު ވިދާޅުވީ، އެ ކަންކަން އިތުރަށް ތަހުގީގުކޮށް އެކަންކަމާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާނެ ކަމަށެވެ.
އެންމެ ބޮޑު މަސައްލައަކީ، ޖަލުގެ ޖާގައަށް ވުރެ ޖަލުގެ އާބާދީ ބޮޑުވުން!
އަހްމަދު ވިދާޅުވީ، ކޮމިޝަންގެ ރިޕޯޓުން ޖަލުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކަށް ފާހަގަ ކުރެވިފައިވާ ކަމަކީ، ޖަލުތަކުގެ ޖާގައަށް ވުރެ، އެ ޖަލުތަކުގައި އާބާދީ ބޮޑުވުން ކަމަށެވެ.
"އާންމުކޮށް މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ، އިތުރަށް ގޮޅިތަކުގައި ގައިދީންނާއި ބަންދު މީހުން ތިބިކަން ކޮމިޝަނަށް ވަނީ ފާހަގަ ކުރެވިފައި،" އޭނާ ވިދާޅުވީ، އޭގެ ސަބަބުން ޖަލުތަކުގައި ތަފާތު އެކި އެކި މައްސަލަތަކާއި އާންމު ދިރިއުޅުމުގައި ދިމާވާ ތަފާތު އެކި އެކި ކަންކަން ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ދިމާވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ޖަލު އޮޑިޓް ރިޕޯޓް ހޯމް މިނިސްޓަރަށް އެރުވުމުގެ ކުރިން އެކޮމިޝަނުން ދެއްވި ހުލާސާގެ ތެރެއިން --
ހަތް މެމްބަރުންގެ ކޮމިޝަނުން 75 ދުވަސް ތެރޭ އެކުލަވާލި 390 ސަފްހާގެ މައްޗަށް އެކުލަވާލި މި ރިޕޯޓުގެ ދިރާސާއަށް ފަހު، ޖަލުތައް ރިފޯމް ކުރުމަށާއި ޖަލުތަކުގެ އާންމު ހާލަތު އިތުރަށް ތަރައްގީކުރުމަށް 180 ހުށަހެޅުމެއް ހުށަހަޅާފައިވާނެ ކަމަށް އަހްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ހުށަހެޅުންތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ހުށަހެޅުންތައް ހުށަހަޅާފައި ވަނީ، ޖަލުތަކުގައި ދިމާވެފައިވާ ސިއްހީ ކަަންކަން ހައްލުކުރުމާއި ޖަލުތަކުގައި އާންމު ހާލަތު ތައްރަގީ ކުރުމަށް ކަމަށެވެ.
"ޖުމްލަ ގޮތެއްގައި، ރިޕޯޓުން ފާހަގަވީ، ވޭތުވެދިޔަތަނުގައި މިނިވަންކަން ގެއްލޭ ގޮތަށް މީހުން ބަންދު ކުރެވޭ ތަންތަނުގައި [ޖަލުތަކުގައި] މީހުން ބެެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ މުއަސަސާތަކާއި، މި މިއަސަސާތައް ޒިންމާދާކުރުމަށް ހެދިފައިވާ ބައެއް މިނިވަން މުއަސަސާތަކުން އެންމެ ފުރިހަމަ އަށް މިފަރާތްތަށް [ޖަލުބަލަހައްޓާ މުއަސަސާތައް] ޒިންމާދާރުކުރުމުގެ މަސައްކަތް ކުރެވިފައި ނުވާކަން،" އޭނާ ވިދާޅުވީ، ރިޕޯޓުން ފާހަގަވެފައިވާ ކަންކަން އިތުރަށް ބަލައި ރައްޔިތުންގެ މަޖިލީހާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ގުޅިގެން އިސްލާހު ކުރަން ޖެހޭ ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.
ރިޕޯޓުން ފާހަގަވި ބައެއް ކަންތައް:
ޖަލުތަކުން މީހުން މިނިވަންވެގެން ދިޔުމުގައި ކޮރަޕްޝަނަށް މަގުފަހުވުން
- ޖަލުތަކުގެ ތެރޭގައި ދެވޭ ހިދުމަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރުން
- ޖަލުގެ ޖާގައަށްވުރެ އާބާދީ ބޮޑުވުން
- ޖަލުތަކުގައި އާބާދީ ބޮޑުވުމުން އާންމު ހާލަތު ގޯސްވެ، އާންމު ދިރިއުޅުމުގައި ތަފާތު އެކި ކަންކަން ދިމާވުން
- ޖަލުތަކުގައި އަނިޔާގެ މައްސަލަތައް ހުރުން
- ބިދޭސީން ބަންދުކުމުގައި ގާނޫނު އަސާސީން ކަށަވަރުކުރާ ހައްގުތައް ދިނުމުގައި ތަފާތު ކުރުން ހުރުން
- ކްލެމެންސީއާއި ޕެރޯލް އިންސާފުވެރި ނުވުން
"ކޮމިޝަންގެ އެންމެ ބޮޑު އެއް އެދުމަކީ، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ހުށަހެޅުންތައް ވީއެންމެ އަވަހަށްކަށް ހާސިލް ކުރުން. އަދި މި ރިޕޯޓް އާންމުންނަށް ފެންނާނެހެން އާންމުވުން،" ރިޕޯޓުގެ ހުލާސާ ނިންމާލަމުން އަހްމަދު ވިދާޅުވި އެވެ.
ޖަލު އޮޑިޓް ރިޕޯޓާއި ހަވާލުވުމަށް ފަހު، ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، އެ ރިޕޯޓުން ފާހަގަވި ކަންކަން އިސްލާހުކުމަށް ޓަކައި މިއަދުން ފެށިގެން މަސައްކަތްކުރަން ފަށާނެ ކަމަށެވެ.
"މިއީ ފޮތް ހަރުގަނޑަށް އިތުރުކޮށްލެވޭ ފޮތެއްގެ ގޮތުގައި އަޅުގަނޑުމެން ދޫނުކޮށްލާނަން. މި ރިޕޯޓުގައި ފާހަގަ ކުރެވިފައި ހުރި، ކަންކަމަށް ބަލައި، ޖަލުތައް ރަނގަޅުކުރުމުގެ މައިގަނޑު އަސާސަކީ އިރާދަކުރެއްވިއްޔާ މި ރިޕޯޓުކަމުގައި ހަދާނަން،" އިމްރާން ވިދާޅުވި އެވެ.

ޖަލު އޮޑިޓް ރިޕޯޓް ހަވާލުވުމަށްފަހު، އިމްރާން ވާހަކަ ދައްކަވަނީ: އެނާ ވިދާޅުވީ، މިއަދުން ފެށިގެން އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަން އިސްލާޙު ކުރުމަށް މަސައްކަތް ކުރާނެ ކަމަަށް --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
ކޮމިޝަނުން އެދުނު ގޮތަށް ރައްޔިތުންނަށް ފެންނާނެހެން ރިޕޯޓު އާންމު ކުރާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
ޖަލު އޮޑިޓެއް ހެދުމަށްޓަކައި ޖަލު އޮޑިޓް ކޮމިޝަނެއް ހޯމް މިނިސްޓްރީން އެކުލަވާލީ، މިދިޔަ ޑިސެމްބަރު މަހު 18 ވަނަ ދުވަހު އެވެ.