ހަދާ ރިސޯޓްތައް ޒީނަތްތެރި ކުރަން އެކި ރަށްރަށުން ރުއްގަސް އުފުރައިގެން ގެންދާ މައްސަލަވެފައި ވަނީ ތިމާވެއްޓަށް ލޯބި ކުރާ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލައަކަށެވެ. އެހެން ނަަމަވެސް، އެކަމުގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް އެއީ މާބޮޑު މައްސަލައަކަށް ވެގެން އުޅޭތަނެއް ނުފެނެ އެވެ. އެ އެޖެންސީއިން ބުނަނީ، ރުއްގަސް ނެގުމަށް ވަކި ގަވައިދެއްގެ ތެރެއިން ހުއްދަ ދޫކުރަމުން އަންނަ ކަމަށެވެ.

ރުއްގަސް ކެނޑުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއްތަނަށް ގެންދިޔުމުގެ އާ ގަވައިދެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންވަޔަރުމަންޓް މިނިސްޓްރީ އިން ވަނީ އެކުލަވާލައި ހިޔާލަށް އެ ޑްރާފްޓް އާންމުކޮށްފަ އެވެ. ހިޔާލު ހުށަހެޅުމަށް އޮތީ މިއަދުގެ ނިޔަލަށެވެ.

ގިނަ ބަޔަކު އުންމީދު ކުރީ އެ ގަވައިދުގެ ތެރެއިން ރުއްގަސް ނެގުން ހުއްޓުމަކަށް ގެނެވޭނެ ކަމަށެެވެ. ނުވަތަ ބޮޑުތަނުން މަދު ކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް، ގަވައިދުން އެ މަގުސަދު ހާސިލްނުވާ ކަމަށް ދެކޭ ބަޔަކު އެބަ ތިއްބެވެ. އެ މީހުން ބުނާ ގޮތުގައި "ރުއްގަސް ފޭރުމު"ގެ ޖަރީމާއަށް ނިމުމެއް އައުމުގެ ކޮޅުމަތިން އަދި ފެންނާން ވެސް ނެތެވެ.

ގަވައިދުގެ ހުލާސާ

  • ރުއްގަސް ކެނޑޭނީ، އުފުރޭނީ ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދެވޭނީ ރުއްގަސް ދިރުވާ އާލާކުރުމަށް ސަރުކާރުން ހިންގާ ހާއްސަ ޕްރޮގްރާމެއް، މަޝްރޫއެއް ނުވަތަ ޒަރޫރީ ބޭނުންތަކަށް.
  • ފުރަބަންޑާރަ ލަކުޑީގެ ގޮތުގައި، ނުވަތަ މުޑުވައް ކޮށްގެން ހައްދާ ގަސް، ނުވަތަ ނާސަރީގައި ހައްދާ ރުއްގަސް، ނުވަތަ މީހުން ދިރިއުޅޭ ގޯތިތަކުގައި ހައްދާ ރުއްގަސް މިކަމުން އިސްތިސްނާވޭ.
  • ނަގާ ކޮންމެ ރުއްގަހެއްގެ ބަދަލުގައި ހަތަރު ގަސް އިންދަންޖެހޭ.
  • ހުއްދައާ ނުލައި، ނުވަތަ ހުއްދައާ ހިލާފަށް ކުރާ ކަމަކުން ލިބޭ ގެއްލުމެއްގެ ކުޑަބޮޑު މިނަށް ބަލައި، އެކަމެއް ކުރިފަރާތެއް 501 ރުފިޔާ އާއި 100 މިލިއަން ރުފިޔާއާ ދެމެދުން ޖޫރިމަނާކުރެވޭނެ.
  • ރުއްގަސް ނެގުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތައް ހިމެނޭ.

"ރުއްގަސް ފޭރުމަށް ގާނޫނީ ބާރުދެނީ"

ރުއްގަސް ކެނޑުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއްތަނަށް ގެންދިޔުމުގެ އާ ގަވައިދަށް ހިޔާލު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ސިރަކިއުސް ޔުނިވާސިޓީގައި ތިމާވެށީގެ ރޮނގުން ތައުލީމު ހާސިލުކުރަމުންދާ އާދަމް އަބްދުﷲ (އެޑަމް)އާއި، ކޮރެއާގައި ތިމާވެށީގެ ރޮނގުން ޕީއެޗްޑީ ހާސިލުކުރަމުންދާ މުހައްމަދު ޝުމައިސް އަދި ދެމެހެއްޓެނިވި ތަރައްގީއަށް ވަކާލާތު ކުރާ ފަރާތެއް ކަމުގައިވާ މ. ގަހާ، ސަލްމާ ފިކުރީ ހިމެނެ އެވެ.

އެ ގަވައިދަށް ފާޑުކިޔާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ބުނަމުން ދަނީ އެ ގަވައިދުން ރުއްގަސް ނެގުން ގާނޫނީ އިމުގެ ތެރެއަށް އިތުރަށް ފައްތާފައިވާ ކަމަށެވެ. ނަމަވެސް އެ ގަވައިދުގެ މަގުސަދަކަށް ވާން ޖެހޭނީ ރުއްގަސް ނެގޭނެ ގޮތް ހަނިކޮށް އެކަން ހުއްޓުވުން ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

އެޑަމްވެސް ދެކޭ ގޮތަކީ މި އެވެ. އޭނާ ވަނީ ގަވައިދަށް ހިޔާލު ހޯދަން ހުޅުވާލި މުއްދަތުގައި ގަވައިދަށް ހިޔާލު ހުށަހަޅައި އެންވަޔަރަމެންޓް މިނިސްޓަރު ހުސެއިން ރަޝީދު ހަސަންއަށް ހުޅުވާލެވިފައިވާ ސިޓީއެއް ލިޔެފަ އެވެ.

ރަށަކުން ރުއްތަކެއް ބޭރުކުރުމަށް ޖަމާކޮށްފައި--ފޮޓޯ: މީސް މީޑިއާ

"އާ ގަވާއިދުން ގާނޫނީ އިމުގެ ތެރެއިން ރުއްގަސް ނެގޭނެ މަގު ފަހި ކުރާތީ އާއި ރުއްގަސް ނެގުމުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުން ކުޑަ ކުރުމަށް ނުވަތަ ހުއްޓުވޭނެ ގޮތެއް އެ ގަވައިދުގައި ނެތަތީ އަޅުގަނޑު ކަންބޮޑުވުން ފާޅުކުރަމެވެ." އެޑަމްގެ ސިޓީގައި ބުނެފައިވެ އެވެ.

ސަލްމާ ލިޔުނު ސިޓީގައި ބުނެފައިވަނީ ގަވައިދު އަމާޒުވަނީ ރުއްގަސް ނެގުން ހުއްޓުވުމުގެ ބަދަލުގައި، އެކަން ގާނޫނީ އިމުގެ ތެރެއަށް ފެއްތުމަށް ކަމަށެވެ. އޭނާ ހުށަހަޅާފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުން ރުއްގަސް ނަގާނަމަ އެ ރަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށާއި، ބަސް ބުނުމުގެ ހައްގު ކައުންސިލުތަކުގެ އިތުރުން އާންމުންނާއި ޖަމިއްޔާ ޖަމާއަތްތަކަށްވެސް ލިބޭ ގޮތަށް ގަވައިދު ބަދަލުކުރުމަށެވެ.

ސަލްމާގެ ވަކާލާތަކީ، އެއްވެސް ރަށެއް ތަރައްގީ ކުރާ އިރު ގަސްތައް މަދުވާ ފަދަ ގޮތަކަށް ތަރައްގީކުރުމަށް ބާރު އަޅައިގެން ނުވާނެ ކަމަށެވެ. އަދި ގަވައިދަކުން ހިތްވަރު ދޭން ޖެހެނީ ގަސްތައް އިންދުމަށް ކަމަށް އޭނާ ގަބޫލުކުރެ އެވެ. އަދި ތަރައްގީގެ މަސައްކަތްތައް ހިންގާ އިރު ރުއްގަސް ހިމާޔަތްކުރެވޭނެ ގޮތްތަކަށް ގަވައިދުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް އޭނާ ބުންޏެވެ.

ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް މަސައްކަތް ކުރެވޭނެ ގޮތްތަކަކާ ބެހޭގޮތުން ރިސޯޓުތަކާއި، ކޮންސްޓްރަކްޝަން ކުންފުނިތައް ހޭލުންތެރި ކުރުމަށް ޕްރޮގްރާމުތައް އިންތިޒާމު ކުރުމަށް ސަލްމާ ވަނީ ހިޔާލު ހުށަހަޅައިފަ އެވެ.

ބޮޑު ހިޔާނާތުގެ ސިލްސިލާއިން އިތުރުވާ ބޮޅެއް!

ފަޅުތައް ހިއްކައިގެން މަސްނޫއީ ރަށްތައް އުފައްދައި އެރަށްރަށުގައި ތަރައްގީ ކުރަމުންދާ ރިސޯޓުތައް ފެހިކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މިހާރު ރުއްގަހުގެ ޑިމާންޑު ވަނީ އުފުލިފަ އެވެ.

ހިއްކާފައި ނުވަތަ ހިއްކަމުންދާ ފަޅުތަކުގެ ތެރޭގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ ދަށުން ދޫކުރި ތަންތަންވެސް ހިމެނޭ އިރު، އެޑަމްގެ ސިޓީގައި ވަނީ ކޮރަޕްޝަނަށް އެއްވެސް ވަރަކަށް ދޫނުދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވިދާޅުވުމާ މެދު ސުވާލު އުފައްދާފަ އެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި ފަޅު ރަށްރަށުން ރުއްގަސް ފޭރިގަތުމަށް ފަހު، ހިޔާނާތުން ދޫކުރި ފަޅުތަކުގައި އުފެއްދި ރަށްތައް ފެހިކުރަން ފުރުސަތުދެނީ ކީއްވެތޯ އެޑަމް ސުވާލުކުރި އެވެ.

ޅ. ނައިފަރު: އާބާދީ ބޮޑު މި ރަށުގައި ފެހިކަމެއް ފެންނާކަށް ނެތް -- ފޮޓޯ/ މީސް މީޑިއާ

އެހެންކަމުން އޭނާ ހުށަހަޅާފައި ވަނީ ހިއްކާފައިވާ ރަށްތަކަށް ރުއްގަސް ގެންދިއުން ހުއްޓަން ޖެހޭ ގޮތަށް ގަވައިދަށް ބަދަލު ގެންނާށެވެ.

"އަޅުގަނޑު މި ހުށަހަޅަނީ، ރުއްގަސް ނެގުން ހިމެނޭ ޕްރޮޖެކްޓުތައް ހިންގާ ފަރާތްތަކަށް، އެ ރުއްގަސް މީހުން ދިރިއުޅޭ ރަށްތަކުގައި އިންދަން ޖެހޭ ގޮތަށާއި އަދި މަސްނޫއީ ރަށްތަކުގައި އިންދުން މަނާ ކުރާ ގޮތަށް ގަވައިދަށް ބަދަލު ގެންނަން،" އެޑަމްގެ ހުށަހެޅުމުގައިވެ އެވެ.

އޭނާ ދެކޭ ގޮތުގައި އެ ގޮތަށް ގަވައިދަށް ބަދަލު ގެނެސްފިނަމަ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގަސް އިންދުމުގެ "ރަށްފެހި" ޕްރޮގްރާމުވެސް ކުރިއަށްދާ ބާރުމިން އިތުރުވާނެ އެވެ.

ސަލްމާވެސް ދެކެނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ދޫކުރި ފަޅުތައް ހިއްކައިގެން ހަދާފައިވާ މަސްނޫއީ ރަށްތަކަށް ރުއްގަސް ގެންދިޔުން ހުއްޓުވަން ޖެހޭ ކަމަށެވެ.

"މީހުން ދިރިއުޅޭ ރަށްރަށުގެ ނުވަތަ ފަޅު ރަށްރަށުގެ ގުދުރަތީ މުއްސަނދި ކަމާއި ގުދުރަތީ ދިފާއި ނިޒާމު ބަލިކަށިވާނެ ފަދަ ގޮތަކަށް، ސީއެސްއާރް ޕްރޮޖެކްޓެއްގެ ބަދަލުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުންނަ ރުއްގަހާއި ބިން ހަދިޔާކޮށްގެން ނުވާނެ އަދި ބިން ފެހިކުރުމަށް އެއްވެސް ވަޔަފާރިއަކަށް ވިއްކައިގެން ނުވާނެ،" ސަލްމާގެ ސިޓީގައި ބުނެފައިވެ އެވެ.

ގަވައިދުން ހުޅުވައިދެނީ އާ ދޮރެއް

ރުއްގަސް ކެނޑުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގެ އާ ގަވައިދުގެ ހަވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަމްބަރުގައި ބުނެފައި ވަނީ މުޖުތަމައުގެ ޒަރޫރީ ބޭނުންތަކަށްޓަކައި ރުއްގަސް ނެގޭނެ ކަމަށެވެ.

އެ ގަވައިދުގައި ޒަރޫރީ މާނަކޮށްފައި ވަނީ "ދަނޑުވެރިކަން ނުވަތަ އިޖްތިމާއީ ކަންކަމުގައި ބޭނުންކުރުމާއި، އެކަމަކީ ސަރުކާރުގެ ހުއްދަ ލިބި، އަދި އެކަމަށް ހަރަދުކުރުމަށް ފައިސާ ހަމަޖެހިފައިވާ ބޭނުންތައް"މި ގޮތަށެވެ. އޭގެ މާނައަކީ، ރުއްގަސް ނެގުމަށް، ވަރަށް ފުޅާދޮރެއް އެ ގާނޫނުން ހުޅުވޭ ކަމެވެ.

ޅ. އަތޮޅުގައި އެއާޕޯޓެއް ތަރައްގީކުރަމުންދާ މަޑިވަރު -- ފޮޓޯ/ މީސްމީޑިއާ

އެހެން ނަމަވެސް، އެ މާނައިގައި ބުނާ އިޖުތިމާއީ ކަންކަމަކީ ކޮބައިކަމެއް އެ ގަވައިދުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އެހެންކަމުން "މުޖުތަމައުގެ ޒަރޫރީ ބޭނުމުގެ" ގޮތުގައި ބުނެފައިވާ ބަސް އެބަޔަކު ބޭނުން ގޮތަކަށް މާނަކުރުމުގެ ފުރުސަތު އެބަ އޮތެވެ.

ކޮރެއާގައި ތިމާވެށީގެ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރަމުންދާ ޝުމައިސް ގަވައިދަށް ހިޔާލު ހުށަހަޅައި ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ގަވައިދުގައި "އިޖުތިމާއީ" މާނަކޮށްފައި ނެތުމުން، ރުއްގަސް ރިސޯޓުތަަކަށް ގެންދިޔުމަކީ ވެސް އިޖުތިމާއީ ކަމެއްގެ ގޮތުގައި މާނަ ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ރިސޯޓުތަކަށް ވުރެ ބޮޑަށް ރުއްގަސް ބޭނުންވަނީ މީހުން ދިރިއުޅޭ ރަށްތަކަށްކަން އޭނާ ފާހަގަކުރި އެވެ.

އެހެން ކަމުން "އިޖުތިމާއީ"ގެ މާނަ އެ ގަވައިދުގައި ސާފުވެފައި އޮންނަން ޖެހޭނެ ކަމަށް ޝުމައިސް ދެކެ އެވެ.

"ގަވައިދުން ހުއްދަކުރިއަސް ޖަރީމާ ވާނީ ޖަރީމާއަށް"

ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ "ސޭވް މޯލްޑިވްސް" ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ހުމޭދާ އަބްދުލްޣަފޫރު (ހުމޭ)ވެސް ގަބޫލުކުރަނީ އާ ގަވައިދު އެކުލަވާލާފައި ވަނީ ބޮޑެތި ވިޔަފާރިތަކަށް ރުއްގަސް ގެންދަން ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ. ރުއްގަސް ގެންދަން ހުއްދަ ލިބޭ ހާލަތްތައް ގާނޫނުގައި އޮތް ނަމަވެސް އޭނާ ގަބޫލުކުރަނީ ބޮޑެތި ވިޔަފާރިތަކުން މީހުން ދިރިއުޅޭ ރަށްރަށުން ރުއްގަސް ގެންދިޔުމަކީ ބޮޑު ޖަރީމާއެއް ކަމަށެވެ.

"ގަވައިދު ބަދަލުކޮށްގެންވެސް ގާނޫނު ބަދަލުކޮށްގެންވެސް ޖަރީމާއެއް ވާނީ ޖަރީމާއަކަށް،" ހުމޭ ބުންޏެވެ.

މީގެ ކުރިން މީހުން ދިރިއުޅޭ ރަށްތަކުން ރުއްގަސް ނަގައިގެން ގެންދިޔަ މައްސަލަތައްވެސް ފެންމަތިވެފައިވެ އެވެ. އޭގެ ތެރޭގައި ތޮއްޑޫ އަދި ކާށިދޫއިން ރުއްގަސް ކެނޑި މައްސަލަ ފާހަގަކޮށްލެވެ އެވެ.

ލ. މެންދޫއިން ރުއްތަކެއް އުފުރަނީ --- ފޮޓޯ/ މީސްމީޑިއާ

ހުމޭ ބުނީ ރުއްގަހަކީ އެހާރާއި މިހާރުވެސް ދިވެހިންގެ ދިރިއުޅުމުގެ ވަސީލަތެއް ކަމަށެވެ. އެހެން ކަމުން އެފަދަ ވަސީލަތްތައް ގެންދިޔުމުން ރައްޔިތުންނަށް ވަނީ ގެއްލުން ކަަމަށާއި، އެކަން ކުރުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

"އާންމު ރައްޔިތުންނަށް ގެއްލުންވާ ގޮތަކަށް ރުއްގަސް އުފުރައިގެން ގެންދާ ގެންދިޔުން ފަހި ކުރަންޏާ އެއީ ވަރަށް ބޮޑު މައްސަލައެއް،" ހުމޭ ބުންޏެވެ.

"އެމީހުން [މިނިސްޓްރީން] އެ މައްސަލައާ މެދު ވިސްނާ ބަލަން ޖެހޭ. މި ވަރަކުން ނުފުދޭ. މި މައްސަލައަށް ހައްލު ހޯދަންޏާ ޖެހޭނީ ހައްލު ހޯދޭ ކަހަލަ ކަންތައްތަކެއް ހުންނަ ކަހަލަ ގަވައިދެއް ހަދަން،"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިސްބަތްވާ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެކުލަވާލި "އެޖެންޑާ 19" މެނިފެސްޓޯގައި ބުނެފައިވަނީ ވިޔަފާރި ބޭނުމަށް ކެނޑޭނީ ނާސަރީން ހައްދާ ރުއްގަސް އެކަނި ކަމަށް ކަނޑައެޅުމަށް ގަވައިދަށް ބަދަލު ގެންނާނެ ކަމަށެވެ. އަދި އެ ނޫން ރުއްގަސް ވިޔަފާރި ބޭނުމަށް ނުއުފުރޭނެ ގޮތަށް ގަވައިދަށް ބަދަލު ގެންނާނެ ކަމަށް ވެސް ވައުދުވެފައިވެ އެވެ. އެހެން ނަމަވެސް، އެ ވައުދު ނުފުއްދި ރުއްގަސް ފޭރުމުގެ ޖަރީމާ އަދިވެސް ދަނީ ކުރިއަށެވެ. ނުފޫޒުގަދަ މީހުން އަޑީގައި ތިބެ ހިންގާ އެ ޖަރީމާ ހުއްޓުވަން ސަރުކާރުގެ ހިތްވަރެއް އަދި ނުފެނެ އެވެ. އަދި އެ ހިތްވަރު މި ސަރުކާރުގައި ހުންނާނެ ހެއްޔެވެ؟