18 Oct 2011, 17:34
މިއަހަރު ޑިސެމްބަރު 2 ން 12 އަށް އިންޑިޔާގެ ދިއްލީގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނުގެ ގައުމީ ޓީމުގެ ފަރިތަކުރުންތައް މިމަހު 28 ވަނަ ދުވަހު ފަށަން ޕާކިސްތާން ފުޓުބޯޅަ ފެޑަރޭޝަން (ޕީއެފްއެފެ) އިން ހަމަޖައްސައިފި އެވެ.
ޕީއެފްއެފް އިން މި ނިންމުން ނިންމާފައިވަނީ ކޯޗު ތޯރިގް ލުތްފީ އާއި މަޝްވަރާ ކުރުމަށް ފަހު ކަމަށް އެ ފެޑަރޭޝަން އިން ބުންޏެވެ. އަދި ބޭރު ކޯޗެއް ޕާކިސްތާނު ގައުމީ ޓީމަށް ނުހޯދިއްޖެނަމަ، މުބާރާތް ކުރިއަށް ދާނީ ތޯރިގް ލުތުފީގެ ބެލުމުގެ ދަށުން ކަމަށް ވެސް ބުންޏެވެ.
ޕާކިސްތާނު ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިން ޝެޑިއުލް ކުރެވިފައިވާ ތާރީހަށް ވުރެ ލަސް ކުރެވުނީ ކޯޗު ލުތްފީ ގެ ލަފާގެ މަތިންނެވެ. ކޯޗު ލުތްފީ ވަނީ 30 ކުޅުންތެރިންގެ ލިސްޓެއް ތައްޔާރުކޮށް ފުޓުބޯޅަ ފެޑަރޭޝަން އަށް ހުށަހަޅާފައެވެ. މިލިސްޓުގައި ގައުމުން ބޭރު ކުލަބުތަކަށް ކުޅޭ ކުޅުންތެރިން ވެސް ހިމަނާފައި ވެއެވެ. އެގޮތުން، އިނގިރޭސި ކުލަބަކަށް ކުޅޭ އަދުނާން އަހްމަދާއި، އާތިފް ބަޝީރުގެ އިތުރުން ޑެންމާކު ކުލަބަކަށް ކުޅެމުންދާ ހަސަން ބަޝީރު ގެ ނަން ވެސް ހިމަނާފައި ވެއެވެ.
ތިރީސް ކުޅުންތެރިންގެ ލިސްޓުގައި ހިމަނާފައިވާ ގައުމުން ބޭރު ކުލަބުތަކަށް ކުޅޭ ކުޅުންތެރިން ފަރިތަކުރުމުގައި ބައިވެރިވުމަށް ހަފުތާއެއްގެ މުހުލަތެއް ދީފައިވެއެވެ. މިކުޅުންތެރިން ފަރިތަކުރުންތަކަށް ހާޒިރު ނުވެއްޖެނަމަ، މުބާރާތުގައި ޕާކިސްތާނު ބައިވެރިވާނީ އެކުޅުންތެރިން ނުލައެވެ.
"ބޭރު ގައުމުތަކުގެ ލީގުތަކަށް ކުޅޭ ކުޅުންތެރިން ވެސް ލިސްޓުގައި ހިމެނިފައިވޭ. ހަފުތާއެއް ތެރޭ އެކުޅުންތެރިން ފަރިތަކުރުންތަކަށް ނުކުންނަން ޖެހޭނެ. އެ މުހުލަތު ތެރޭ ފަރިތަކުރުމުގައި ބައިވެރި ނުވެއްޖެނަމަ، އެކުޅުންތެރިން ބާކީކުރެވޭނެ." 'ދަނިއުސް' ނޫހާއި ވާހަކަ ދައްކަމުން ޕާކިސްތާނު ފުޓުބޯޅަ ފެޑަރޭޝަންގެ ސެކްރެޓަރީ އަހްމަދު ޔަރް ލޮދީ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕް މުބާރާތަކީ ޕާކިސްތާނަށް މުހިންމު މުބާރާތެކެވެ. ޕާކިސްތާނަކީ މި މުބާރާތުގެ ތަށި މިހާތަނަށް ގެންގޮސްފައިވާ ޓީމެއް ނޫނެވެ. ތިން ފަހަރެއްގެ މަތިން ސެމީ ފައިނަލާއި ހަމައަށް ދަތުރުކުރި ނަމަވެސް ޕާކިސްތާނަށް ފައިނަލުގެ ޖާގައެއް ލިބިފައެއް ނުވެއެވެ.