އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން މެންޗެސްޓާ ސިޓީ މޮޅުވި އިރު ވާދަވެރި ލިވަޕޫލް ވެސް ޗެލްސީ ބަލިކުރުމުން ލީގުގެ އެއްވަނައިގެ ވާދަވެރިކަން އިތުރަށް ބޮޑުވެއްޖެ އެވެ.

ހަތަރު ވަރަކަށް މެޗު ލީގުގައި ބާކީ އޮތް އިރު ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން ސިޓީ ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. ސިޓީއާއި އެންމެ ވާދަވެރި ލިވަޕޫލްއިން ރޭ ޗެލްސީ ބަލިކުރީ 0-2ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން ލިބުނު މޮޅާ އެކު ސިޓީ އެއްވަނައަަށް ޖެހިލި ނަމަވެސް އޭގެ ފަހުން ލިވަޕޫލް ކުޅުނު މެޗުން މޮޅުވުމުން އެ ޓީމު ވަނީ ވަގުތީ ގޮތުން ދެވަނައަށް ވެއްޓިފަ އެވެ.

މެންޗެސްޓާ ސިޓީގެ ފޯވާޑް ރަހީމް ސްޓާލިންގް: އޭނާ ވަނީ ރޭ ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް ކޮޅަށް ދެ ގޯލު ޖަހާފަ --- ފޮޓޯ/ ޖޭމީ ސްމިތް

އެއް މެޗު އިތުރަށް ކުޅެގެން ލިވަޕޫލް އިން މިވަގުތު ތާވަލުގެ އެއް ވަނާގައި އޮތީ 34 މެޗު ކުޅެގެން 85 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ސިޓީއަށް 33 މެޗު ކުޅެގެން 83 ޕޮއިންޓް ލިބޭ އިރު ދެން މެޗަކުން ސިޓީ މޮޅު ވެއްޖެ ނަމަ އަނބުރާ އެއްވަނައަށް އަރާނެ އެވެ.

އެއްވަނައިގެ ވާދަވެރިކަން މީގެން ޒަމާނަކު ވެސް ބޮޑުނުވާހާ ވަރަކަށް މި ސީޒަަނުގައި ބޮޑުވެފައިވާ އިރު ގަދަ ހަތަރަކުން ޖާގަ ހޯދައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ބާކީ ތިބި ޓީމުތަކުން އަންނަނީ ބުރަ މަސައްކަތް ކުރަމުންނެވެ. ރޭގެ މެޗުގައި ލިވަޕޫލް އަތުން މޮޅުވެ ގަދަ ތިނަކަށް އެރުމުގެ ފުރުސަތު ޗެލްސީއަށް އޮތް ނަމަވެސް މެޗުން ބަލިވުމުން އެ ޓީމު މިވަގުތު ހަތަރު ވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެގެންނެވެ.

ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއިން މި އަހަރުގެ ތަށި ވެސް ދިފާއުކުރުމަށް ފޫގަޅާފައިވާ އިރު ތަށި ހޯދުމުގެ ފުރުސަތު އެންމެ ބޮޑީ ވެސް އެ ޓީމަށެވެ. ބާކީ ފަސް މެޗު އެ ޓީމަށް އޮތް އިރު އެ މެޗު ތަކުން މޮޅުވެގެން އެއްވަނައިގައި ސިޓީއަށް ލީގު ނިންމާލެވޭނެ އެވެ.

ރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ސިޓީއިން ކުޅުނު މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މެޗުގައި އެ ޓީމަށް ގޯލުތައް ޖަހައިދިނީ މި ސީޒަނުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އިނގިރޭސި ވިލާތުގެ ފޯވާޑް ރަހީމް ސްޓާލިންގްއާއި ބްރެޒިލްގެ ގެބްރިއަލް ޖީސުސް އެވެ. ސްޓާލިންގެ ރޭގެ މެޗުގައި ވަނީ ދެ ގޯލު ސިޓީއަށް ޖަހައިދީފަ އެވެ.

ކްރިސްޓަލް ޕެލަސްއިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލޫކާ މިލިވޯޖެވިޗް އެވެ.

މީގެ ފަސް އަހަރު ކުރިން ލިވަޕޫލް ތަށި ހޯދުމަށް އެންމެ މެޗަކަށް ވެފައި ވަނިކޮށް އެކަން ހުއްޓުވި ޗެލްސީގެ ފަރާތުން ލިވަޕޫލް އިން ވަނީ ރޭގެ މެޗުގައި ބަދަލު ހިފާފަ އެވެ. އަމިއްލަ ދަނޑުގައި ކުޅެ ޗެލްސީގެ މައްޗަށް ލިވަޕޫލް ކުރި ހޯދިއިރު ޗެލްސީގެ މުޅި ޓީމު އޮތީ މެޗު ފެށުނީއްސުރެން ނިމެންދެން ޕްރެޝަރުގަ އެވެ.

ލިވަޕޫލްއަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ ސާޑިއޯ މާނޭއާއި މުހައްމަދު ސަލާހް އެވެ. ސަލާހް ވަނީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭނާ ރޭގެ މެޗުގައި ޖެހި ގޯލަކީ ވެސް އެހާމެ ތަފާތު ގޯލެކެވެ.