14 Apr 2019, 22:53
ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިމިގްރޭޝަންއަށް އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުމުގައި ދަތިތަކެއްވެފައިވާއިރު އެ މައްސަލައަށް މާދަމާ ހައްލެއް ގެނެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސެއިން "ސަން"އަށް ވިދާޅުވީ، އީޕާސްޕޯޓު ދޫކުރުމުގައި މައްސަލަ ދިމާވެފައި ވަނީ އިމިގްރޭޝަނުން ބޭނުންކުރާ ސޮފްޓްވެއާއަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލަ މާދަމާ ހައްލު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"ކުޑަ ކުޑަ ޓެކްނިކަލް އިޝޫއެއް ދިމާވެގެން އުޅެނީ. އެ މައްސަލަ މާދަމާ ހިސާބުގައި އިރާދަކުރެއްވިއްޔާ ހައްލުވެގެންދާނެ،"
މުހައްމަދު އަހުމަދު ހުސެއިން ވިދާޅުވީ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫނުކުރެވުނު ނަމަވެސް، އެއްވެސް މީހަކަށް ދަތުރުފަތުރު ކުރުމުގައި ހުރަހެއް ނާންނާނެ ކަމަށެވެ.
"އޭގެ ސަބަބުން ދަތުރުފަތުރު ކުރާ އެއްވެސް ދިވެހި ރައްޔިތަކަށް އުނދަގުލެއް ނުވާނެ. އެ ފަރާތްތަކަށް ނަން އިލެކްޓްރޯނިކް ޕާސްޕޯޓު އަޅުގަނޑުމެން ރައްދު ކުރަމުން މިދަނީ،"
ނަން އިލެކްޓްރޯނިކް ޕާސްޕޯޓު އާންމުގޮތެއްގައި ދޫކުރަނީ އެމްބަސީތަކުގައި އެދިގެން ޕާސްޕޯޓު ދޫކުރާ މީހުންނަށާއި 10 އަހަރުން ދަށުގެ ކުދިންނަށެވެ.