18 Oct 2011, 17:37
މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދީފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ނ. ކެނދިކުޅުދޫގައި ވިދާޅުވި ވިދާޅުވުމަކީ ރައްޔިތުންނަށް ކުރެއްވި މަލާމާތެއް ކަމަށް ޑީއާރްޕީގެ ނައިބު ލީޑަރު އިބުރާހިމް ޝަރީފު (މަވޯޓާ ޝަރީފު) މިއަދު ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޝަރީފު ވިދާޅުވީ ސަރުކާރުން އެއްވެސް ސަބްސިޑީއެއް ދެއްވި ނަމަ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެންމެ ބޮޑުވެފައި އޮތް އިރު ތެޔޮ ފީފާއެއް ގަންނަން ލިބޭ އަގަށް މިހާރު ތެޔޮފީފާއެއް ނުލިބެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އެންމެ މައްޗަށް ދިޔައީ 2008 ވަނަ އަހަރު، ސަރުކާރުން ތެލުގެ ސަބްސިޑީ ދިނީމައި 2009 ވަނަ އަހަރު ތެޔޮ ފީފާއެއް ގަންގަން ލިބުނު 1700.ރ އަށް، މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށަށް ގޮސްފައި، ނަމަވެސް މިހާރު ތެޔޮފީފާއެއް މިލިބެނީ 3200ރ. އަށް. ތެލުގެ ސަބްސިޑީ އެއްވެސް ގޮތަކުން ދެއްވާފައިވާނަމަ މިހާ އަގު ބޮޑުވާކަށް ނުޖެހުނީސް،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ތެލުގެ ސަބްސިޑީ ދީފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުން ޑީއާރްޕީން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށާއި ރައްޔިތުންނަށް އެފަދަ މަލާމާތް ނުކުރެއްވުމަށް އެޕާޓީން ރައީސް ނަޝީދަށް ގޮވާލާ ކަމަށެވެ.
ޑީއާރުޕީން ބުނީ ތެލުގެ އަގުބޮޑުވެ، މަހަށް ނުފުރޭތީ ސަބްސިޑީ ހޯދައިދޭން މަސައްކަތް ކޮށްދިނުމަށް ރާއްޖޭގެ މަސްވެރިން ޑީއާރްޕީއަށް ހުށަހަޅަމުން އަންނަ ކަމަށެވެ. އަދި އެޕާޓީން އެ މަސައްކަތް ކުރާނެ ކަމަށާއި އެހެން ނަމަވެސް ރައްޔިތުންނަށް ހެޔޮއެދޭ މެމްބަރުން ތަކަކަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބެނީސް ރައްޔިތުންގެ ހައްގުތައް ހޯދައި ދެވޭނެކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އެޕާޓީން ބުންޏެވެ.
މަސްވެރިންގެ ސަބްސިޑީ ދިނުން ސަރުކާރަށް ލާޒިމް ކުރާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށައަޅާފައެވެ.