މިނިވަން މުއައްސަސާތައް ނުފޫޒުން އެއްކިބާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ގާނޫނުތަކަށް ސަރުކާރުގެ ފަރާތުން ބޮޑެތި އިސްލާހުތަކެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅި ގާނޫނުތަކުގެ ތެރޭގައި ސިވިލް ސާވިސް ގާނޫނާއި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނާއި، އޮޑިޓް ގާނޫނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނާއި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުވެސް ހިމެނެ އެވެ. އެ ގާނޫނު ތަކަށް ހުށަހަޅާ އިސްލާހުގެ ފުރަތަމަ ކިޔުން މާދަމާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާއަށް ވަނީ ތާވަލުކޮށްފަ އެވެ.

އިސްލާހު މި ހުށަހެޅީ ސީދާ ކޮން މާއްދާތަކަކަށް ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން ސަރުކާރުގެ ފަރާތުން މިނިވަން މުއައްސަސާތަކުގެ ގާނޫނަށް ހުށަހަހެޅި އިސްލާހުގެ ބޭނުމަކީ މުއައްސަސާތަކުގެ މަސްއޫލިއްޔަތުތައް މިހާރަށްވުރެ ސާފުކޮށް ބަޔާން ކުރުން ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ މެމްބަރުން ޖަވާބުދާރީ ކުރެވޭނެ ގޮތްތަށް މިހާރަށްވުރެ ހަރުދަނާ ކުރުމަކީވެސް އިސްލާހުތަކުގެ ބޭނުމެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

މައިގަނޑު އިސްލާހުތައް

  • ނުފޫޒެއް ނެތި މިނިވަން ކަމާއެކު މަސައްކަތް ކުރުން: ކޮމިޝަނުގެ ވާޖިބުތައް އަދާކުރުމުގައި ކޮމިޝަނުގެ މެމްބަރުން އެއްވެސް ބިރަކަށް ނުވަތަ އެއްވެސް ނުފޫޒަކަށް ލެނބިގެން ނުވާނެ ކަމުގައާއި ކޮމިޝަނުގެ އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ މަޝްވަރާއެއް ކުރުމުގައި ނުވަތަ ސިޔާސަތުތައް ކަނޑައެޅުމުގައި ސީދާ ގޮތުންވެސް އަދި ނުސީދާގޮތުންވެސް އަމިއްލަ މަސްލަހަތެއް ހާސިލް ކުރަން މަސައްކަތް ކޮށްގެން ނުވާނެ.
  • ސުލޫކީ ހަމަތަކާއި މިންގަނޑުތައް:ކޮމިޝަނުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދި ފަރުދީ ހައިސިއްޔަތުން ހިފަހައްޓަން ޖެހޭ ސުލޫކާ ގުޅޭ ހަމަތައް ބަޔާން ކުރުން
  • މާލީ ހިސާބު ހުށަހެޅުން:ކޮމިޝަނުތަކުގެ މެމްބަރުން އެމީހުންގެ އާމްދަނީއާ މުދަލާއި ދަރަނީގެ ޒިންމާ، މާލީ ހިސާބުގައި ބަޔާންކޮށް ކޮމިޝަނުގެ މެމްބަރަކަށް ވުމުގެ ކުރިންނާއި މެމްބަރަކަށް ވުމަށް ފަހު އަދި މެމްބަރު ކަމުން ވަކިވުމަށް ފަހުވެސް ހުށަހަޅަން ޖެހޭ ގޮތަށް އިސްލާހު ކުރުން. އަދި އެމީހެއްގެ އަނބިދަރިންނާއި ހަރަދު ބަލަހައްޓާ އެހެން މީހުންގެ މާލީ ބަޔާންވެސް ހުށަހަޅަން ޖެހޭ ގޮތަށް ހެދުން
  • މަސްލަހަތު ފުށުއަރާ މަސްލަހަތުތަކުން ދުރުހެލިވުން:ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރެއްގެ މަސްލަހަތު ފުށުއަރާނެ އަމަލުކުރާނެ ގޮތް ބަޔާންކުރާ މާއްދާ

އޭގެ އިތުރުންވެސް ކޮމިޝަންތަކުގެ ގިނަ ކަންކަމަށް ސަރުކާރުގެ ފަރާތުން މިވަނީ އިސްލާހު ހުށަހަޅާފަ އެވެ. މިނިވަން މުއައްސަސާތައްނުފޫޒެއް ނެތި މަސައްކަތް ކުރެވޭނެ ގޮތަށް ގާނޫނުތަކަށް އިސްލާހު ހުށަހެޅުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ. ސަރުކާރަށް 100 ދުވަސް ހަމަވާނީ މާދަމާ އެވެ. މާދަމާގެ މަޖިލީހުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި ނަމަވެސް މަޖިލިސް ދެން ދާނީ ޗުއްޓީއަށެވެ. ދެން މަޖިލީހުގެ ޖަލްސާތައް ފެށޭނީ އަލަށް އިންތިހާބު މަޖިލީގެ މެމްބަރުންނާއެކު މޭ 28 ވަނަ ދުވަހު އެވެ.