ދިވެހި ބަހަކީ އެއްބައިވަންތަކަމުގެ މައިގަނޑު އަސާސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިގޮތަށް ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ ދިިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގަ އެވެ.

ދިވެހި ބަހުގެ މުނާސަބަތުގައި މިއަދު ރައީސް ދިވެހި ބަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިބަހުގެ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރާ ކަމަށާއި ދިވެހިބަަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަމުގެ މައިގަނޑު އަސާސް ކަމަށެވެ.

"ދިވެހިބަހުން ބުނާށެވެ. ލިޔާށެވެ. ބުނެވޭނެ އެވެ. ލިޔެވޭނެ އެވެ." ރައީސް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ 14 ވަނަ ދުވަހެވެ. ދިވެހި ބަހުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ، "ބުނާނީ، ލިޔާނީ ސާފު ދިވެހި ބަހުން"، މި ޝިއާރުން ބާރު އަޅަނީ، ދިވެހި ބަހުން މުއާމަލާތު ކުރެވެން އޮތް ހަމަ ކޮންމެ ހާލަތެއްގައި ދިވެހި ބަހުން މުއާމަލާތު ކުރުމުގެ މައްޗަށާއި ދިވެހި ބަހުން ދިވެހިން ކުރާ މުއާމަތާތު އިތުރު ކުރުމުގެ މައްޗަށެވެ.