ދެހާސް ހަތްވަނަ އަހަރު ފްރާންސުން ދިވެހި ސަރުކާރަށް ދިން ފައިސާ އެހެން ކަމަކަށް ހަރަދު ކުރުމުން އެ ގައުމުގެ ސަރުކާރު އޮތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިއަދު ރައްދުދީފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ މީޑިޔާ ކޮމިޓީގެ ވައިސް ޗެއާ ޕާސަން، ދުންޔާ މައުމޫން ވިދާޅުވީ 2007 ވަނަ އަހަރު ފްރާންސް ސަރުކާރުން ދިން ފައިސާއެއް، ކުރީގެ ސަރުކާރުން އެހެން ކަމަކަށް ހަރަދު ކުރިކަމަށް ބުނެ ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

ދުންޔާ ވިދާޅުވީ ރައީސް ނަޝީދު އެގޮތަށް ވާހަކަފުޅު ދެއްކެވީ ޕީޕީއެމް އުފެއްދުމަށާއި މެ މެމްބަޝިޕް އިތުރުކުރުމަށް ހަލުއިކޮށް މަސައްކަތްކުރާ ދަނޑިވަޅެއްގައި އެކަމަށް ހުރަސްއެޅުއްވުމުގެ ގޮތުންކަމަށެވެ.

ފުރާންސް ދިވެހި ސަރުކާރުން ދެއްވީ ކޮން އެހީއެއް ކަމާއި ކުރީގެ ސަރުކާރުން އެ އެހީ ބޭނުން ކޮށްފައިވަނީ ކޮން ގޮތަކަށް ހާމަކުރައްވަން ރައީސް ނަޝީދު ފަސްޖެހި ވަވަޑައިގަތުމުން ސުވާލު އުފެދޭ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
"އަޅުގަނޑު އޭރު ހުރީ ފޮރިން މިނސްޓްރީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރުގެ މަގާމުގައި އަޅުގަނޑަށް އެއްވެސް ހަބަރެއް ވެފައެއް ނެތް 2007 ވަނައަހަރު ފަރަންސޭސި ވިލާތެއްނޫން، ދުނިޔޭގެ އެއްވެސް ގައުމެއް ރާއްޖެއަށް ދިން އެހީއެއް ނަހަމަ ގޮތެއްގައި ބޭނުންކޮށްގެން އެކަމާ ހިތްހަމަ ނުޖެހިގެން ޝަކުވާ ކުރިކަމެއް،" އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވީ އެހީ ފޯރުކޮށް ދިނުމުގައި ދަތިތަކާ ކުރިމަތިވެގެން ރާއްޖޭގެ އެކި ސަރަހަށްދުތަކަށް އެހީ ފޮނުވުމާއި އެކަމުގައި އުޅުނު ބައެއް ފަރާތްތަކުގެ ތަޖުރިބާ މަދުވެގެން އެހީތަށް ފޯރުކޮށް ދިނުމުގައި ލަސްވެ، ބައެއް ޝަކުވާ އައި ނަމަވެސް އެއްވެސް އެހީއެއް ނުހަމަ ގޮތުގައި ކަރަޕްޝަނަށް މަގުފަހިވާ ގޮތަށް ބޭނުންކުރި ކަމަށް އެއްވެސް ގައުމަކުން ބުނެފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ފަރެންސޭސި އެމްބަސީ މެދުވެރިކޮށް ފަރެންސޭސި ސަރުކާރުން އެކަހަލަ ވާހަކައެއް ބުނެފައިވޭތޯ އާއި އެކަމުގެ އެއްވެސް ތަފްސީލެއް ލިބޭތޯ ބައްލަވާނެ ކަމަށެވެ.
"މިކަހަލަ ވާހަކަތަކެއް ރައީސް ނަޝީދު އަބަދުވެސް ދައްކަވަނީ ސަރުކާރާއި ދޭތޭރޭގައި ރައްޔިތުންގެ ހިތްހަމަ ނުޖެހުން އުފެދިފައިވާ ދަނޑިވަޅުތަކުގައި އެހެން ކޮންމެވެސް ގޮތަކަށް ވާހަކަތަށް އަނބުރާލުމުގެ ބޭނުމުގަ،" ދުންޔާ ވިދާޅުވިއެވެ.

ފްރާންސަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 2007 ވަނަ އަހަރު ފްރާންސް ސަރުކާރުން ދިން ފައިސާއެއް އެހެން ކަމަކަށް ހަރަދުކުރުމުން އެ ގައުމުގެ ސަރުކާރު އޮތީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށާއި އެކަން އެގޮތަށް އޭރުގެ ސަރުކާރަށް ކުރަން ޖެހުނީ އޭރު އިންތިހާބެއް އޮވެގެން ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމަކަށް ދިން ފައިސާއެއް ކަމެއް އަދި އެ ފައިސާ ބޭނުންކޮށްފައިވާ ގޮތެއް، އަދި އެއީ ކިހާ ފައިސާއެއް ކަމެއް ވެސް ރައީސް ވިދާޅެއް ނުވެ އެވެ.