ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަހްމަދު ތަސްމީން އަލީ އަޑީގައި ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އަބުދުﷲ ޝާހިދު ވަކި ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު އެމްޑީޕީގެ ވަގުތީ ޗެއާ ޕާސަން ރީކޯ މޫސާމަނިކު ތުހުމަތު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ޝާހިދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަޖިލީހުގެ ރައީސްކަމުން ދުރު ކުރުމުގެ މަސައްކަތްތަކެއް މަޖިލީހުގެ ތެރޭގައި ހިނގަމުންދާ ކަމަށެވެ. އަދި އެކަމުގެ މު ގުލުގައި ހުންނެވީ އަހްމަދު ތަސްމީން އަލީކަމަށް ސާބިތުވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"މި މަޖިލިސްތެރޭގައި މަނިކުފާނު (ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު) ބޭރު ކުރުމުގެ މަސައްކަތްތަކެއް އެބަ ހިންގާ. މީގެ މުގުލުގައި ހުންނެވީ އަހްމަދު ތަސްމީން އަލީ (ކެންދޫ ދާއިރާގެ މެންބަރު). ކަމަށް އަޅުގަނޑަށް ސާބިތު ކުރެވޭތީ އެކަމާ ކުޑަކޮށް ވާހަކަ ދައްކާލަން އެދޭތީ އެވާހަކަ ދަންނަވާލީ،" މޫސާ މަނިކު ވިދާޅުވި އެވެ.

މޫސަ އެހެން ވިދާޅުވެފައިވަނީ، ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް ތަސްމީން ވިދާޅުވުމާ ގުޅިގެން، ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާއި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް އެމްޑީޕީގެ މެންބަރު ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އިންޒާރު ދެއްވާފައި ވަނިކޮށެވެ. މުސްތަފާ ވިދާޅުވެފައިވަނީ އިނާޒްގެ އިތުބާރު ނެތްކަމުގެ ވޯޓާއެކު ޝާހިދާއި ނާޒިމުގެ އިތބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.