14 Apr 2019, 12:58
މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ކާރެއްގެ މައްޗަށް ރަހަ ފަތިގަނޑެއް ވެއްޓި އެ ކާރަށް ގެއްލުންތަކެއް ވެއްޖެ އެވެ.
އެ ހާދިސާ ހިނގާފައިވަނީ މިއަދު 11:50 ހާއިރު ވެލާނާގެ ކައިރީގައި ހަދަމުންދިޔަ އިމާރާތަކުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރަހަ ފަތިގަނޑެއް ވެއްޓި ކާރެއްގައި ޖެހިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ވަނީ މާލޭ ސިޓީ ކައުންސިލާ ހިއްސާ ކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
މާލޭގައި ހަދަމުންދާ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ދަށް ވުމުގެ ސަބަބުން ސިޓީ ކައުންސިލުން ވަނީ ބައެއް ސައިޓް ތަކުގެ މަސައްކަތް ހުއްޓުވައި އިސްލާހު ކުރުމަށް ފުރުސަތު ދީފަ އެވެ. އަދި ގަވާއިދުން އެ ތަންތަން މޮނިޓާ ކުރާނެ ކަމަށް ވެސް ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ.