14 Apr 2019, 11:48
ސްޕެނިޝް ލީގުގައި ތާވަލުގެ ފުލުގައި އޮތް ހުއެސްކާ އާއި ބާސެލޯނާ ރޭ ބައްދަލު ކުރި މެޗުން އެއްވަރުވީ އަންނަ އަންގާރަ ދުވަހުގެ ރޭ ކުޅޭ ޗެމްޕިއަންސް ލީގު މެޗަށް ހުރިހާ ކުޅުންތެރިން މާ ބޮޑަށް ވިސްނައިގެން ތިބުމުން ކަމަށް އެ ޓީމުގެ މިޑްފީލްޑަރު އާތުރޯ ވިޑާލް ބުނެފި އެވެ.
ރޭގެ މެޗުގައި 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވި ނަމަވެސް ކުރިއަށް އޮތް ތިން މެޗުން ބާސެލޯނާ މޮޅު ހޯދި ނަމަވެސް އެ ޓީމަށް ލީގު ތަށި ޔަގީންވާނެ އެވެ.
ބާސެލޯނާއިން ރޭގެ މެޗަށް ނުކުތީ އެންމެ ފަހުން ޔުނައިޓެޑާއި ކުޅެ މޮޅު ވި މެޗުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން 10 ކުޅުންތެރިން ޓީމުގައި ނުހިމަނައެވެ.
އަންނަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ބާސެލޯނާ ނުކުންނަ އިރު ރޭގެ މެޗުގައި އެ ބަދަލުތައް ކުރީ ކުޅުންތެރިން އަރާމު ކުރުމަށް ވަގުތު ދިނުމަށް ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވަނީ ބުނެފަ އެވެ.
ގިނަ ޒުވާން ކުޅުންތެރިންތަކެއް ހިމަނައިގެން ރޭ ކުޅުނު މެޗުގައި ގޯލެއް ނުޖެހުނު ނަމަވެސް ބާސެލޯނާއިން ވަނީ މޮޅު ކުޅުމެއް ކުޅެފަ އެވެ. އެގޮތުން ރޭގެ މެޗުގައި ބާސެލޯނާގެ ސީނިއާ ޓީމަށް ޑެބިއުޓް ކުރި ޒުވާން ކުޅުންތެރިޔާ ރިކީ ޕުއިޖްގެ ކުޅުން ފާހަގަ ކޮށްލެވެއެވެ.
ނަމަވެސް ފުލުގައި އޮތް ޓީމެއްގެ އަތުން "ގަދަފަދަ" ބާސެލޯނާ އެއްވަރު ވުމަކީ ގިނަބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ. ރޭގެ މެޗުގައި ބާސެލޯނާގެ މެދުތެރެ ހިފަހައްޓާފައިވާ އެ ޓީމުގެ ޗިލީ ކުޅުންތެރިޔާ އާތުރޯ ވިޑާލް މެޗަށް ފަހު ވާހަކަ ދައްކަމުން ބުނީ މެޗުން އެއްވަރުވީ ޔުނައިޓެޑް މެޗާ ދޭތެރޭ ހުރިހާ ކުޅުންތެރިން މާ ބޮޑަށް ވިސްނީމަ ކަމަށެވެ.
"ހުރިހާ އެންމެންގެ ވިސްނުމުގައި ވެސް ހުރީ ޔުނައިޓެޑް މެޗުގެ ހިޔާލުތައް. މެޗަށް ނުކުތީ ވަރަށް ބޮޑު ބަދަލުތަކާ އެކު. އެންމެ މުހިއްމު ކަމަކީ މެޗުން ބަލިނުވުން،" ކުޅިވަރު ނޫހެއް ކަމަށްވާ ބިއެން ސްޕޯޓްސްއަށް މައުލޫމާތު ދެމުން ވިޑާލް ބުންޏެވެ.
"މެޗު ކުޅެން ޖެހުނު ދަނޑުގެ ގޮތުން ކުޅެން އުނދަގޫވި. ބައެއް ފަހަރު ޖަހާ ޕާސްތައް ދެން ހުރި ކުޅުންތެރިޔާއާ ހަމައަށް ނުވެސް ފޯރާ. އެކަމުވެސް ޖުމްލަ ގޮތެއްގައި ކުޅުންތެރިންގެ ކުޅުމާ ދޭތެރޭ ހިތްހަމަ ޖެހޭ." ކަމަށް ވިޑާލް ބުންޏެވެ.