އަދިއްތިޔަ ރޯއީ ކަޕޫރު އަކީ ބޮލީވުޑްގައި ހުރި އެންމެ ރީތި އެއް ފިރިހެން އެކްޓަރު ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

މާ ގިނަ ފިލްމުތަކެއް ކުޅެފައި ނެތް ނަމަވެސް، އަންހެން ކުދިންގެ މެދުގައި އަދިއްތިޔަ ވަރަށް މަގުބޫލެވެ. ދިވެހިންގެ ތެރޭގައި ވެސް އޭނާއަށް ހިތް ދީގެން އުޅޭ އަންހެން ކުދިން މަދެއް ނޫންނެވެ. އެހެންކަމުން މިއީ އަދިއްތިޔަ ކަމުދާ ކުދިންނަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ. އަދިއްތިޔަ ހުރީ ހުސްކޮށެވެ.

އަދިއްތިޔަ ވަނީ އޭނާ އާއި މޮޑެލް ދީވާ ދަވަން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފަ އެެވެ. އަދިއްތިޔަ ވަނީ ވަރަށް ފަހުން އޭނާގެ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައެވެ. އެ ފޮޓޯގެ ކެޕްޝަންގައި ޖަހާފައި ވަނީ "ސިންގަލް" ކަމަށެވެ. ނަމަވެސް އެ ޕޯސްޓަށް ބަތަލާ ޕަރިނީތީ ޗޯޕްރާ އަދި އެކްޓަރު އަރްޖުން ވަނީ އަދިއްތިޔަ ދޮގު ހަދަނީ ކަމަށް ބުނެ ކޮމެންޓު ކޮށްފަ އެވެ.

ޕަރިނީތީ އަދި އަރްޖުންގެ ކޮމެންޓުތަކުން އަދިއްތިޔަ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ދޭހަވެ އެވެ. އަދިއްތިޔަ އާއި ދީވާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވާހަކަތައް ދެކެވެން ފެށީ އެހިސާބުންނެވެ. ނަމަވެސް ނޫހަކަށް ދިން އިންޓަވިއު އެއްގައި އަދިއްތިޔަ ވަނީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފައެވެ.

"އަހަރެން ދޮގެއް ނުހަދަން. އަހަރެން މިހުރީ ހުސްކޮށް. އަދި ވަރަށް އުފަލުން،" އަދިއްތިޔަ ބުންޏެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލައިލާއިރު އަދިއްތިޔަ އެންމެ އަވަހަށް ފެނިގެންދާނީ ކަރަން ޖޯހަރުގެ 'ކަލަންކް' އިންނެވެ.

'ކަލަންކް' ފިލްމު ރިލީޒްކުރާނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އަދި އިތުރު ދެ ފިލްމެއްގެ މަސައްކަތް ވެސް ކުރިއަށް އެބަ އޮތެވެ. އެއީ އާލިއާ ބަޓް އާއެކު ފިލްމު 'ސަޅަކް 2' އަދި ދިޝާ ޕަޓާނީ އާއެކު ފިލްމު 'މަލަންގް' އެވެ. 'މަލަންގް' އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައި ވާއިރު، 'ސަޅަކް 2' ގެ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގެ އެވެ.