ސައިފް އަލީ ޚާން އަދި ކަރީނާ ކަޕޫރު ޚާންގެ ދަރި، ތައިމުރު އަލީ ޚާން މިހާރު ބޮލީވުޑް ބައެއް ފަންނާނުންނަށް ވުރެ މަޝްހޫރު ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

ތައިމޫރުގެ އިންތިޒާރުގައި ޕަޕަރާޒީން ދުވަސް ދުއްވާލަނީ ސައިފް ދިރިއުޅޭ ގޭ ބޭރުގައެވެ. ތައިމޫރުގެ އެންމެ ފޮޓޯއެއް ނެގުމަށެވެ. މިހެން ކަންތައް ހިނގާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެންމެ ފަހުން ސައިފް އަށް މިވަނީ ޕަޕަރާޒީންގެ އުނދަގޫ މާ ބޮޑުވެފައެވެ.

ކަރީނާ އާއި ދެމީހުން ތައިމޫރު ގޮވައިގެން ކުރު ޗުއްޓީއަކަށް ދާން އެއާޕޯޓަށް ދިޔަ އިރު އެތަނުގައި ވެސް ޕަޕަރާޒީންނެވެ. އެމީހުން ތައިމޫރުގެ ފޮޓޯ މާ ގިނައިން ނަގާތީ ސައިފް ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ތައިމޫރުގެ ފޮޓޯ ނެގުން ހުއްޓާލުމަށާއި، ނޫންނަމަ ދަރިފުޅުގެ ލޯ އަނދިރިވެދާނެ ކަމަށް ސައިފް ވަނީ ޕަޕަރާޒީން ގާތު ބުނެފަ އެވެ. އަދި ފޮޓޯ އަށް މަޑުކޮށްފައެއް ވެސް ނުވެ އެވެ.

"އަހަންނާއި ކަރީނާ އަބަދުވެސް ޕަޕަރާޒީންނަށް އިހްތިރާމް ކުރަން އެނގޭ އެމީހުން އާމްދަނީ ހޯދަން ކުރާ މަސައްކަތް ކަން. އެކަމަކު އެމީހުންނަށް ވެސް ވިސްނެން ވާނެ ތުއްތު ކުއްޖަކަށް އާދައިގެ މާހައުލެއްގައި ބޮޑުވުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަން. އެއީ ތައިމޫރުގެ ވެސް ހައްގެއް. އަބަދު ކެމެރާގެ ފްލޭޝް އެޅެންޏާ ތައިމޫރުގެ ލޮލަށް ގެއްލުން ވާނެ،" ސައިފް ބުނެފައިވެ އެވެ.

ފަހުން ދުވަހެއްގައި ސައިފް ދިރިއުޅޭ ގޭގެ ބޭރުގައި ޕަޕަރާޒީން އެއްވެ އަޑުގަދަ ކުރަން ފެށުމުން އެމީހުން އެތަނުން ފޮނުވާލަން ޖެހުނީ ފުލުހުން ގެނެސްގެންނެވެ. ސައިފް ބުނީ ފުލުހުންނަށް ރިޕޯޓު ކުރީ އޭނާ ނޫން ކަމަށާއި، އޭނާގެ އަވައްޓެރިއެއް ކަމަށެވެ.