18 Oct 2011, 16:27
ޗައިނާއަށް ކުރައްވާ ދަތުރުފުޅެއްގައި، ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު، މިއަދު މެންދުރުފަހު ފުރާވަޑައިގެންފި އެވެ.
ނައިބު ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން ބައިވެރިވެވަޑައިގެންނަވަ އެވެ.
ނައިބު ރައީސްގެ މިދަތުރުފުޅަކީ ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެ ޕްރޮވިންސްގެ ޔުނިވާސިޓީގައި ނައިބު ރައީސް ތަގުރީރު ކުރައްވާނެ އެވެ. އަދި ވެސްޓަން ޗައިނާގެ ވިޔަފާރިއާ ބެހޭ ބައްދަލުވުމެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ އެވެ. އަދި ޗައިނާގެ ބައެއް މަޝްރޫއުތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާނެ އެވެ.
މިދަތުރުފުޅުގައި، ޗައިނާގެ އިންވެސްޓަރުންނާވެސް ނައިބު ރައީސް ބައްދަލުކުރައްވައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާބެހޭ މައުލޫމާތު ދެއްވާނެ އެވެ. މީގެ ތެރޭގައި، ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ޗައިނާގެ ވަރަށް ބޮޑު ކުންފުންޏެއް ހިމެނެ އެވެ.
ނައިބު ރައީސް، މިދަތުރުފުޅުގައި މިއަދު ފުރާވަޑައިގަތުމުގެ ކުރިން، ދަތުރުފުޅާބެހޭ މިދެންނެވި މަޢްލޫމާތު ނޫސްވެރިންނާ ހިއްސާ ކުރެއްވި އެވެ.