ރޭ ފަތިހު މާލޭގައި ހިނގި އެކްސިޑެންޓެއްގައި އެއް ސައިކަލުގައި އިން ދެ މީހަކަށް އަނިޔާވެފައިވާއިރު ދެން އިން ސައިކަލްގައި އިން މީހާ ފިލައިފި އެވެ.

އެ އެކްސިޑެންޓް ހިނގާފައިވަނީ ރޭ ފަތިހު 5:02 ހާއިރު ހަވީރީ ހިނގުން މާރުކޭޓް ސަރަހައްދު ޑޯން ކެފޭ ކައިރީގަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ދެ ސައިކަލެއް ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.

އެގޮތުން އަނިޔާވެފައި ވަނީ އެއް ސައިކަލުގައި އިން 20 އަހަރާއި 24 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ސައިކަލް ދުއްވަން އިން މީހާ އަތުގައި ލައިސެންސް ނެތް ކަމަށް ފުލުހުން ބުންޏެވެ.

ރޭ ފަތިހު މާލޭގައި ހިނގި އެކްސިޑެންޓްގައި ޕިކަޕް ދަށަށް ސައިކަލް ވަދެފައި --- ފޮޓޯ: ޕޮލިސް

އެ ދެ މީހުނަށް ސީރިއަސް އަނިޔާއެއް ނުލިބުނު ނަމަވެސް ހަށިގަނޑުގެ ބައެއް ތަންތަން ހަން މަށައިގެން ދިއުމުގެ ސަބަބުން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ދެ ވަނަ ސައިކަލް ދުއްވަން އިން މީހާ ސައިކަލް ދޫކޮށްލުމަށް ފަހު ވަނީ ފިލާފައި ކަމަށެވެ. އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.