އިންޑިޔާގެ ލަކްޝަދީބުގެ ރަށެއްގެ ގޮތުގައި އޮތް މަލިކާ ބެހޭގޮތުން ކާށިދޫ ދާއިރާގެ އިންތިހާބީ މެންބަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެޑްވައިޒަރު އަބްދުﷲ ޖާބިރު ދެއްކެވި ވަހަކަތަކަކީ ހަމައެކަނި އޭނާގެ އަމިއްލަ ހިޔާލެއް ކަަމަށް ރައީސްގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ، މަލިކު ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތުމަށް ފަހު އިންޑިއާގެ ބައެއްގެ ގޮތުގައި އެތަން ހަމަޖެހުނު ސަބަބު ހޯދަން ޖެހޭ ކަމަށެވެ.

އަދި މަލިކު އަނބުރާ ހޯދުމަށް މަޖިލީހުގެ ތެރެއިން މަސައްކަތްކުރައްވާނެ ކަަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

މަލިކު ރާއްޖެއިން ބީވެގެން ދިޔައީ ރާއްޖެ ފަގީރުވުމުން ކަމަށް ވެސް ޖާބިރު ވަނީ ތުހުމަތުކުރައްވައިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިތުރު އަތޮޅުތައް ވެސް ބީވެގެން ހިނގައިދާނެކަމުގެ ބިރު އެބަ އޮތް ކަމަށް ޖާބިރު ވިދާޅުވި އެވެ.

ރައީސްގެ ތަރުޖަމާނު ހޫދު ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ ޖާބިރު ދެއްކެވި ވާހަކައަކީ ދިވެހި ސަރުކާރުން އެއްވެސް ވަރަކަށް ތާއީދު ކުރާ ވާހަކަތަކެއް ނޫން ކަމަށެވެ.

މަލިކުގެ މައްޗަށް ދިވެހިރާއްޖޭގެ ވެރީންގެ އަމުރު ބައެއް ފަހަރު ހިނގި ނަމަވެސް، މަލިކަކީ އެއް ޒަމާނެއްގައި ވެސް ދިވެހިރާއްޖޭގެ ވެރިކަން މާ ވަރުގަދައަށް އޮތް ރަށެއް ނޫނެވެ.

ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތް އިރު މަލިކު ވެސް އޮތީ އިނގިރޭސީންގެ ދަށުގައެވެ. އެހެންނަމަވެސް ދެ ތަނެއްގެ ގޮތުގައެވެ. ދިވެހި ބަހުން ވާހަކަ ދައްކާ ބަޔަކު ތިބި ރަށެއް ކަމުގައި ވިޔަސް މަލިކު އިނގިރޭސީންގެ ދަށަށް ދިޔައީ ރާއްޖެއާ ވަކީން، ވަކި ތަނެއްގެ ގޮތުގައެވެ.

އިނގިރޭސީންގެ އަތްދަށުން އިންޑިޔާ މިނިވަންވުމަށް ފަހު މަލިކުގައި ނެގި ވޯޓަކަށް ފަހު ރަސްމީކޮށް މަލިކު، އިންޑިޔާގެ ބައެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ.