13 Apr 2019, 23:43
ރ. އިންނަމާދޫއިން ކަރަންޓް ކެނޑި އެރަށުގެ ރައްޔިތުންނަށް އެތަކެއް ތަކުލީފުތަކެއް އުފުލަން ޖެހިއްޖެއެވެ.
އިންނަމާދޫ ކައުންސިލްގެ ރައީސް މޫސާ މިޔާޒް "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެރަށުގައި މިއަދު ހަވީރު ހަތަރަކުން ފެށިގެން ކަރަންޓެއް ނެތް ކަަމަށެވެ.
އޭނާ ވިދާޅުވީ ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައިވެސް ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވަމުންދާ ކަމަށެވެ. ނަަމަވެސް ފާއިތުވި ދެ ހަފްތާ ކަރަންޓް ކެނޑުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގެ ކުރިން ހުރި ތިން ޖެނެރޭޓަރު. އެކަމަކު އޭގެ ތެރެއިން ދެ ޖަނެރޭޓަރު ހަލާކުވެފައި ހުންނަތަ ހަތަރު މަސް. ހަތަރު މަސް ދުވަސް ވަންދެން ބޭނުންކުރަމުން ދިޔައީ އެންމެ ޖަނެރޭޓަރެއް. އެ ޖެނެރޭޓަރުވެސް މިއަދު ވަނީ ހަލާކުވެފައި." މޫސާ ވިދާޅުވިއެވެ.
އިންނަމާދޫ އަކީ 400 އެއްހާ މީހުން ދިރިއުޅެމުންދާ ރަށެކެވެެ.
ކަރަންޓް ނެތުމުގެ ސަބަބުން ގިނަ ބަޔަކަށް ހޫނުވެ، އަދި މިހާރު ތިބީ މަގު މަތީގައިކަމަށްވެސް މޫސާ ވިދާޅުވިއެވެ.
އެރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްުކުރުމަށް މާދަމާ މަސައްކަތް ފަށާނެކަމަށް ފެނަކައިން ބުނިކަމަށްވެސް އޭނާ ވިދާޅުވިއެވެ.