ސައިކަލުގައި އަވަސް ފަރުވާ ދޭން އޭޑީކޭއިން ނިންމައިފިއެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަފްއާލް އަހުމަދު ވިދާޅުވީ ސައިކަލުގައި އަވަސް ފަރުވާ ދޭނީ، މޮޑިފައި ކޮށްފައިވާ ޕީސީއެކްސް ސައިކަލެއް ބޭނުންކޮށްގެން ކަމަށެވެ.

" އެ ސައިކަލް މޮޑިފައި ކޮށްފަ އިންނައިރު އިންނާނީ ހަމަ ޕެރަމެޑިކް ސައިކަލް ގޮތަށް ބޮކްސްއާ އެއްޗެތި ހަރުކޮށްފަ، ބޭނުންވާ އެއްޗެތި ސައިޓަށް ގެންދެވޭ ކަހަލަ ގޮތަށް" އަފްއާލް ވިދާޅުވިއެވެ.

އަފްއާލް ވިދާޅުވީ މިއީ ރާއްޖެއަށް އާ ކަމެއް ނަމަވެސް ދުނިޔޭގެ އެހެން ތަންތަނުގައިވެސް ސައިކަލް ފަދަ ވެހިކަލް ބޭނުންކޮށްގެން އަވަސްފަރުވާ ދޭ ކަމަށެވެ. އަދި މާލޭގެ މަގުތައް ހުރި ގޮތުން އެމްބިއުލެންސް ފަދަ ވަސީލަތްތައް ބޭނުންކޮށް އަވަސް ފަރުވާ ދިނުމުގައި ލަސްވާ ކަމަށާއި އެހެން ނަަމަވެސް ސައިކަލް ބޭނުންކޮށްގެން ވީހާވެސް އަވަަހަށް ފަރުވާ ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ފެއާގައި އޭޑީކޭގެ ޕެރެމެޑިކް ސާވިސްގެ ހިދުމަތް ދައްކާލަނީ--

" މާލޭގެ މަގުތަކުގައި އެކްސިޑެންޓްތައް ހިނގާލެއް މިހާރު ވަރަށް ބޮޑަށް އިތުރުވެފައި. ދެން ގިނަ ފަހަރު އެފަދަ ހާދިސާއެއް ހިނގައިގެން ވެހިކަލަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންނަގޮތުން އޭނާއަށް ލިބުނު ގެއްލުމަކަށް ވުރެ ބޮޑު ގެއްލުމެއް ލިބިދާނެ." އަފްއާލް ވިދާޅުވިއެވެ.

އަފްއާލް ވިދާޅުވީ އެމްބައިލެންސްތަކުގައި ސައިރަން އަޅާހެން އެ ސައިކަލުންވެސް ސައިރަން އަޅާނެ ކަމަށެވެ. އަދި އެ ހިދުމަތް ވަރަށް އަަވަހަށް ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.