18 Oct 2011, 16:24
އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމު ހަވާލުކުރައްވާފައިވާ ޑރ. އަބުދުލް މަޖިދު އަބުދުލް ބާރީ އަށް ރުހުން ދޭން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ފާސްކޮށްފި އެވެ.
އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ، ޑރ.މަޖީދަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރި ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޑރ. މަޖީދަށް ރުހުންދޭން ފެނޭތޯ ވޯޓަށް އެއްސެވުމުން އޭނާ އަށް ރުހުންދޭން ފެންނަ ކަމަށް ހަތަރު މެންބަރުން އަދި ރުހުން ދޭން ނުފެންނަ ކަމަށް ހަތަރު މެންބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން ވޯޓު އެއްވަރު ވުމާ ގުޅިގެން ޑރ. މަޖީދަށް ރުހުންދޭން ނުފެންނަ ކަމަށް ފާސްކުރީ، ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި އެ ކޮމިޓީގެ މުގައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒް ވޯޓު ދެއްވައިގެންނެވެ. ރިޔާޒު ވިދާޅުވީ ޑރ. މަޖީދަށް ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން ކަމަށެވެ. އޭނާ ވިދާޅުވީ ކޮމިޓީގެ 11 މެންބަރުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ދެ މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށެވެ.
ޑރ. މަޖީދަށް ރުހުންދޭން ނުފެންނަ ކަމަށް ކޮމިޓީން ނިންމި ނަމަވެސް އެކަން ނިމިގެންދާނީ މަޖިލީޙުގެ ތަޅުމުގައި އޭނާގެ މައްޗަށް ރުހުން އޮތްތޯ ނަގާ ވޯޓުންނެވެ.
ސަރުކާރާ އެކު އަދާލަތުޕާޓީން ހަދާފައިވާ ކޯލިޝަން ރޫޅައިލުމަށް ފަހު، މިނިސްޓަރު ކަމުން ޑރ. މަޖީދު އިސްތިއުފާ ދެއްވުމަށް އަދާލަތުން ގޮވާލުމާ ގުޅިގެން އެމަނިކުފާނު އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. ނަމަވެސް މިމަހު ނުވަވަނަ ދުވަހު އަލުން އިސްކާމިކް އެފެއާޒް މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ޑރ. މަޖީދު ވިދާޅުވެފައި ވަނީ އަލުން އެ މަގާމާ ހަވާލުވެވަޑައިގަތީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމަށް ހިދުމަތްކުރެއްވުމުގެ ބޭނުން ފުޅުގައި ކަމަށެވެ.