ހއ. ފިއްލަދޫ ކައުންސިލުގެ ހުސްވެފައިވާ ދެ ގޮނޑި ވެސް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ދެ ކެންޑޭޓުން ކާމިޔާބު ކުރައްވައިފި އެވެ.

އެމްޑީޕީން އެ ދެ ގޮނޑި ކާމިޔާބު ކުރީ މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައި އިލެކްޝަންސް އިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެންއެވެ.

ފިއްލަދޫ ކައުންސިލް ބައި- އިލެކްޝަންގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން 352 ވޯޓާއެކު، އެެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ، ހއ. ފިއްލަދޫ/ ރިޔާޟް، އަމްދުﷲ ރިޔާޟް އަށެވެ. އޭނާއާއެކު ދެން އިންތިހާބު ކާމިޔާބު ކުރެއްވި، ހއ. ފިއްލަދޫ/ލުބޯމާގެ، މުހައްމަދު ޝިޔާދަށް ލިބިވަޑައިގަތީ 289 ވޯޓެވެ.

އެމްޑީޕީގެ ދެ ކެންޑިޑޭޓުންނާ ވާދަ ކުރެއްވީ، އިދިކޮޅު ޕީޕީއެމްގެ ދެ ކެންޑިޑެޓުންނެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން، ހއ. ފިއްލަދޫ/ ސިތުރާ، މުހައްމަދު މޫސާ އަށް 283 ވޯޓު ލިބިވަޑައިގެންނެވި އިރު، ހއ. ފިއްލަދޫ/ ނާޒް، މަރިޔަމް ޒޫނާ އަށް ލިބިވަޑައިގަތީ 184 ވޯޓެވެ.

ފިއްލަދޫ ކައުންސިލްގެ ވޯޓުލުން ކުރިއަށް ގޮސްފައިވަނީ، ފިއްލަދޫ އާއި މާލޭގައެވެ.

ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ، އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ތިން މެމްބަރުންގެ ތެރެއިން ދެ މެމްބަރަކު ކައުންސިލަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ފަލާހް މީގެ ކުރިން 'ސަން' އަށް ވިދާޅުވީ، ދެ ކައުންސިލަރުންގެ ތެރެއިން ކައުންސިލްގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޖައުފަރު އިސްތިއުފާ ދެއްވީ ކިޔެވުމަށް ވަގުތު ދެއްވުމަށް ކަމަށެވެ. އަދި މެންބަރު މުހައްމަދު ނާފިއުގެ އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށް އޭނާ ވިދާޅުވިއެވެ.

ފިއްލަދޫ ކައުންސިލް ބައި އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ، 783 މީހުންނެވެ. މިއަދުގެ އިންތިހާބުގައި ވޯޓު ލާފައިވަނީ 575 މީހުންނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 73 ޕަސަންޓް މީހުންނެވެ. ބާތިލް ވޯޓުގެ އަދަދަކީ، 12 އެވެ.