ބްރެޒިލްގެ ސިފައިން ވެނެޒުއޭލާއަށް ހަމަލާ ދީ އެގައުމު ހިފަން ބްރެޒިލްގެ ކަނާތު ފިޔައިގެ ލީޑަރ ޖައިރު ބޮލްސޮނާރޯ އަމުރުކުރެއްވިޔަސް އެކަމަށް އިޖާބަ ނުދީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ގޮވާލައްވައިފިއެވެ.

މަދޫރޯ ވަނީ، ބޮލްސޮނާރޯއަކީ "ފޭޝިސްޓް" އަދި ހިޓްލަރު ފަދަ ވެރިއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ބްރެޒިލްއިން، ވެނެޒުއޭލާއަށް އެރުމަށް ޖަހަމުންދާ ހަނގުރާމައިގެ ބެރުތަކާ ދެކޮޅަށް ސާބިތުކަމާއެކު ވެެނެޒުއޭލާގެ ރައްޔިތުން ތިބިކަމަށްވެސް މަދޫރޯ ވިދާޅުވިއެެވެ.

ވެނެޒުއޭލާގެ އެތެރޭގައި ސިޔާސީ ގޮތުން ހަލަބޮލިވެ ގައުމުގައި ބޮޑެތި ހަަމަނުޖެހުންތަކުގެ ތެރެއަށް ވެއްޓިފައިވާއިރު، އެގައުމު އިދިކޮޅު ލީޑަރު ހުއާން ގުވައިޑޯ ދަނީ އޭނާއަކީ ރައީސް ކަމަށް ދައުވާވެސް ކުރަމުންނެވެ. އަދި އޭނާއަކީ ރައީސްކަމަށް އެމެރިކާއާ އީޔޫއިންވެސް ވަނީ ބަަލައިގެންފައެވެ. ބްރެޒިލްގެ ރައީސް ބޮލްސޮނާރޯވެސް ދަނީ ގުވައިޑޯއަށް ވަރަށް ބޮޑަށް ތާއިދުކުރައްވަމުންނެވެ.

ބޮލްސޮނާރޯ ދާދި ފަހުން ދެއްވި ރޭޑިއޯ އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާ މިހާރު މަސައްކަތް ކުރަމުންދަނީ ވެނެޒުއޭލާގެ ސިފައިންގެ ތެރޭގައި ބައިބައިވުން އުފައްދައި މަދޫރޯގެ ވެރިކަން ވައްޓާލުމަށް ކަމަށެވެ. އަދި އެކަމުގައި ޑޮނަލްޑް ޓްރަމްޕްއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އެމެރިކާއިން ވެނެޒުއާލާއަށް އަރައިގަންނަ ހިނދެއްގައި ބްރެޒިލްގެ ސިފައިންވެސް ބައިވެރިވާނެކަމަށް ބޮލްސޮނާރޯ ވިދާޅުވިއެވެ. އެހެން ނަމަވެސް ބްރެޒިލްގެ ނާއިބު ރައީސް ވިދާޅުވީ ވެނެޒުއޭލާއަށް ހަމަލާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.