13 Apr 2019, 11:51
ޚުރްތޫމް (އެޕްރީލް 13) : ސޫދާނުގެ ރައީސް އުމަރު ހަސަން އަހްމަދުލްބަޝީރު މަގާމުން ދުރުކުރުމަށްފަހު ވެސް އެގައުމުގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ އަސްކަރީ އިންތިގާލީ މަޖިލީހުގެ ރައީސް ލެފްޓިނެންޓް ޖެނެރަލް އަވަޟް ބިން ޢަވްފް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޖެނެރަލް އަވްފް މަގާމުން އިސްތިއުފާ ދެއްވީ ރައީސް ބަޝީރު މަގާމުން ދުރުކުރުމަށް ފަހު ވެސް މުޒާހަރާތަކަށް ހުއްޓުމެއްނާންނާތީ އާއި ސޫދާނުގެ އާންމު ހާލަތު އިތުރަށް ގޯސްވެ މުޒާހަރާތަކުގައި މީހުން މަރުވަމުންދާތީ ކަމަށް ވެރިރަށް ޚުރްތޫމުން ލިބޭ ޚަބަރުތައް ބުނެ އެވެ. މުޒާހަރާކުރާ ފަރާތްތަކުން ބުނެފައިވަނީ ރައްޔިތުންގެ މަގްސަދުތައް ހާސިލްވަންދެން މުޒާހަރާތައް ކުރިޔަށް ގެންދާނެ ކަމުގަ އެވެ.
މުޒާހަރާކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ސޫދާނުގެ އިދިކޮޅު ކޯލިޝަނާއި ސޫދާނުގެ މަސައްކަތްތެރިންގެ ޖަމްއިއްޔާ 'ސޫދާން ޕްރޮފެޝަނަލްސް އެސޯސިއޭޝަން' އިން ބުނެފައި ވަނީ މަގާމުން ދުރުކުރި ރައީސް ބަޝީރުގެ އައުވާނުންނާއި އޭނާގެ އަރިސް މީހުން މަގާމުތަކުން ދުރުކޮށް މަދަނީ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއް ގާއިމްކުރާނެ ތާރީޚެއް ކަނޑައަޅަންދެން މުޒާހަރާތައް ކުރިޔަށްގެންދާނެ ކަމުގަ އެވެ.
މަގާމުން ދުރުކޮށްފައވާ ރައީސް ބަޝީރާއި އޭނާގެ އެހީތެރިންނާއި އައުވާނުންގެ މައްސަލަތައް ތަހްގީގްކޮށް އެމީހުންގެ މައްޗަށް ދައުވާކުރަންޖެހޭނެ ކަމަށް ވެސް މުޒާހަރާތައް އިންތިޒާމު ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މުޒާހަރާތައް އިންތިޒާމްކުރާ އިދިކޮޅު ކޯލިޝަނާއި ސޫދާނުގެ މަސައްކަތްތެރިންގެ ޖަމްއިއްޔާ 'ސޫދާން ޕްރޮފެޝަނަލްސް އެސޯސިއޭޝަން' އިން ވަނީ އަސްކަރީ މަޖިލީހުން އިއުލާންކުރި އިންތިގާލީ މަރްހަލާވެސް މާދިގު ކަމަށްބުނެ ސިޔާސީ ފަރާތްތައް ހިމަނައިގެން ކުރުމުއްދަތެއްގެ އިންތިގާލީ ވެރިކަމެއް ގާއިމް ކުރުމަށް ގޮވާލައިފަ އެވެ.
އަދި ބަޝީރު މަގާމުން ދުރުކުރުމަށްފަހު ސިފައިން އެކުލަވާލި އަސްކަރީ މަޖިލީހުގެ ވެރިއަކަށް ބަޝީރުގެ ގާތްބޭފުޅެއް ކަމަށްވާ ދިފާއީވަޒީރު ލެފްޓިނެންޓް ޖެނެރަލް ޢަވަޟް ބިން ޢައުފް ހުންނެވުމަކީ ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް މުޒާހަރާތައް އިންތިޒާމު ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މިއާއެކު ލެފްޓިނެންޓް ޖެނެރަލް ޢަވަޟް ބިން ޢައުފްވަނީ އަސްކަރީ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވާފައެވެ. އަދި ބަޝީރުގެ ވެރިކަމުގައި އިސް މަގާމެއް އަދާ ނުކުރައްވާ ސިފައިންގެ އެހެން ޖެނެރަލެއް ކަމަށްވާ މޭޖާ ޖެނެރަލް އަބްދުލްފައްތާޙް އަލްބުރްހާން ވަނީ އަސްކަރީ މަޖިލީހުގެ ރައީސް ކަމަށް އައްޔަން ކުރައްވާފަ އެވެ.
ބަޝީރު ވެރިކަމުން ދުރުކުރުމަށް ފަހު ވެސް ކުރަމުން ގެންދާ މުޒާހަރާތަކުގައި ސޯޅަ މީހުން މަރުވެ ވިހި މީހުން ޒަޚަމްވެފައިވާ އިރު ސޫދާނުގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށާ މުޒާހަރާތަކަށް ނިމުމެއް އައުމުގެ ކޮޅުމަތި ނުފެންނަ ކަމަށް މުރާސިލުން ބުނެ އެވެ.
މުޒާހަރާކުރާ މީހުންވަނީ އަސްކަރީ މަޖިލީހުން އިއްލާންކުރި ކުއްލި ނުރައްކަލުގެ ހާލަތަށް ކިޔަމަން ވުމަށްވެސް ދެކޮޅު ހަދައި އެ ހާލަތަށް ގޮންޖަހާފަ އެވެ. (ނޫސްއެޖެންސީތައް)