12 Apr 2019, 20:54
ރޭޕުގެ މައްސަލައިގެ ތުހުުމަތުގައި ރޭ ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައި އަނެއް މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
މާލޭގެ ގެސްޓްހައުސްއެއްގައި އަންހެނަކު ރޭޕްކުރަން އުޅުމުގެ ތުހުމަތުގައި ރޭ ހައްޔަރު ކުރީ 33 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން 33 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ދީފައިވާ ކަމަށާއި 32 އަހަރުގެ މީހާ ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.
އޭނާ ދޫކޮށްލުމަށް ކުރި އަމުރު އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ރޭ ހިނގި ހާދިސާ އާއި ގުޅޭގޮތުން ފުލުހުން ބުނީ އަންހެނަކު ހަޅޭއްލަވާ އަޑަށް ފުލުހުން ގެސްޓުހައުސް އަށް ވަދެ ބެލިއިރު، ހަތަރު މީހަކު ވެގެން އަންހެނަކު ރޭޕްކުރަން އުޅުނު ކަމަށެވެ.
އެ މައްސާލައާ ގުޅިގެން އެކަކު ހައްޔަރުކޮށްފައި ވަނީ އެ ގެސްޓްހައުސްގެ ތެރެއިން ކަމަށާއި އަނެއް މީހާ ހައްޔަރުކޮށްފައި ވަނީ ގެސްޓްހައުސް އިން ނުކުމެގެން ފިލަން ދުވަނިކޮށް ކަމަށާއި ފުލުހުން ގެސްޓްހައުސްއަށް ވަންނަކަން އެނގިގެން ދެ މީހަކު ފިލާފައިވާ ކަމަށް ވެސް ފުލުހުން ރޭ ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން، އެ މީހުން ތިބި ކޮޓަރި ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތަށި ތަކަކާއި ފުޅިއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.