18 Oct 2011, 15:41
"ފަނޑިޔާރުގޭގެ ވާހަކަ" މިނަމުގައި ޕަބްލިކް ފޯރަމެއް ބާއްވަން ހަމަ ޖައްސައިފި އެވެ. މި ފޯރަމް ބާއްވަނީ ބައެއް ޤާނޫނީ ވަކީލުންނާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެނެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ފޯރަމް އިންތިޒާމްކުރުމުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލު ހަސަން ފިޔާޒު މިއަދު ވިދާޅުވީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ފޯރަމްގައި މިނިވަން، އިންސާފުވެރި ފަނޑިޔާރުގެއެއްގެ މުހިންމުކަމުގެ މައްޗަށް މިނިވަންކަމާއިއެކު ބަހުސްކުރުމުގެ ފުރުސަތު ހުޅުވާލައި ކޯޓުތަކާމެދު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ޝަކުވާތައް ހާމަކުރުން އޮންނާނެ ކަމަށެވެ.
"މި ފޯރަމަކީ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ ފޯރަމެއް. މިފޯރަމްގެ މަގުސަދަކީ މިނިވަން އިންސާފުވެރި ފަނޑިޔާރުގެއެއްގެ މުހިންމުކަމާމެދު ބަހުސްކުރުމުގެ ފުރުސަތު ހުޅުވާލުމާއި ފަނޑިޔާރުގެއާމެދު ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ޝަކުވާ ހާމަކުރުން،" ފިޔާޒު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ފޯރަމްގެ ސަބަބުން ޝަރުއީ ދާއިރާގައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހައްލުކުރުމަށް ދޮރުތަކެއް ހުޅުވިގެން ދާނެކަމަށެވެ.
އޭނާ އަދި ވިދާޅުވީ ބައެއް ރައްޔިތޔުން ޝަރުއީ ދާއިރާއާއިމެދު ނުބައި ވިސްނުމެއް ގެންގުޅޭ ކަމަށާއި އެއީ ބައެއް ސިޔާސީ ފަރާތްތަކުގެ ސަބަބުން ދިމާވާ ކަމެއްކަމަށެވެ. މިފޯރަމްގެ ސަބަބުން ޝަރުއީ ދާއިރާގެ މުހިންމުކަން ރައްޔިތުންނަށް ކުރިއަށްވުރެ ބޮޑަށް އެނގިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
ފޯރަމް ބާއްވަނީ ސޯޝަލް ސެންޓަރުގަ އެވެ.