12 Apr 2019, 17:18
ޕްރައިވެޓްކޮށް ފަންޑު ހޯދައިގެން އިސްރާއިލުން ހަނދަށް ފޮނުވި އުޅަނދު ހަނދަށް ނުޖެއްސި އުޅެނިކޮށް ހަނދުގެ ބިމަށް ވެއްޓިއްޖެއެވެ.
ބެރެޝީޓްގެ ނަމުން ނަންދީފައިވާ އެ އުޅަނދު ހަނދަށް ޖައްސަން ކުރި މަސައްކަތް ނާކާމިޔާބުވީ އެ އުޅަނދަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެެ.
މިއީ ހަނދުގެ ފޮޓޯ ނެގުމަށާއި އަދި އެކިއެކި ތަހުލީލްތައް ކުރުމަށް އިސްރާއިލްއިން ހަނދަށް ފޮނުވި އުޅަނދެކެވެ.
މީީގެ ކުރިން ހަނދަށް ހަމައެކަނި ގޮސްފައިވަނީ އެމެރިކާ، ރަޝިއާ، ޗައިނާގެ ސަރުކާރުގެ ސްޕޭސް އޭޖެންސީތަކުންނެވެ. ހަނދަށް ދިޔަ ހަތަރު ވަނަ ގައުމަކަށް ވާން އިސްރާއިލްއިން ކުރި މަސައްކަތް ކާމިޔާބު ނުވީ ޖައްވީ އުޅަނދުގެ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެެވެ.
އިސްރާއިލްގެ ޖައްވީ އުޅަނދުގެ ޕްރޮޖެކްޓްގެ އެންމެ އިސްކޮށް އުޅުނު މޯރިސް ކަހާން ވިދާޅުވީ އެ މަޝްރޫއު ކާމިޔާބު ނުވިޔަސް ހާސިލް ކުރެވުނު މިންވަރާ ބަލާއިރު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ފުރަތަމަ ފަހަރު ނާކާމިޔާބު ވިޔަސް އެކަން އަލުން ވޭތޯ ބަލަން ޖެހޭ ކަމަށެވެ.
މިއީ 100 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގި ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓަށް ހަރަދުކޮށްފައިވަނީ ނޮން ޕްރޮފިޓް އިސްރާއިލްގެ ޖަމާއަތެއް ކަމަށްވާ ސްޕޭސްއައިއެލް އަދި އިސްރާއިލްގެ އެއިރޯ ސްޕޭސް އިންޑަސްޓްރީ ގުޅިގެންނެވެ.