12 Apr 2019, 17:16
މުދާ އިމްޕޯޓް ކުރުމާއި ، އެކްސްޕޯޓް ކުރުމާއި އަދި ރީ އިމްޕޯޓް ކުރުމަށް ނަގަން ޖެހޭ ލައިސަންސް ނަގަން ނުޖެހޭ ގޮތް ހަދައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ އިމްޕޯޓް އެކްސްޕޯޓް އަދި ރީ އެކްސްޕޯޓް ކުރުމާ ބެހޭ ގަވައިދަށް ބައެއް އިސްލާހްތަށް ގެނެސް އަލުން އެކުލަވާލައިފައެވެ.
އާ ގަވައިދުގެ ދަށުން އަންނަ ހޯމަ ދުވަހުން ފެށިގެން އިމްޕޯޓް އެކްސްޕޯޓް އަދި ރީ އެކްސްޕޯޓް ކުރުމަށް ލައިސަންސްއެއްް ބޭނުންނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އެހެންކަމުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ފަރާތަކަށް މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީކުރެވިދާނެއެވެ.
އާ ގަވައިދުގައި ބުނީ ރާއްޖޭގައި އުފެދޭ ތަކެއްޗާއި އުފައްދާ ތަކެތި އެކްސްޕޯޓް ކުރެވޭނީ، އަދި ދިވެހިރާއްޖެއަށް މުދާ އިމްޕޯޓް ކުރެވޭނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ ފޮށިތަންމަތީގައި ހުންނަ އަންނައުނާއި، އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ތަފާތު ތަކެތި ރާއްޖެއިން ބޭރަށް ގެންދިއުމަށް ރަޖިސްޓަރީކުރަން ނުޖެހޭނެ ކަަމަށްވެސް އެ ގަވައިދުގައި ބުނެފައިވެއެވެ.
އިމްޕޯޓާއި އެކްސްޕޯޓް އަދި ރީއެކްސްޕޯޓްކުރާ މުދަލަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައަޅާ އަގުގެ ކޮންމެ -/100( އެއްސަތޭކަ( ރުފިޔާއަކަށް 10( -/ދިހަ ލާރި( ގެ މަގުން ރެވެނިޔު ސްޓޭމްޕުގެ އަގަށްވާ ފައިސާ ދައްކަން ކުރިން ކަނޑައަޅާފައި އޮތް ނަމަވެސް ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާތައް ފިޔަވައި، އެހެން ފަރާތްތަކުން، މުދާ އިމްޕޯޓް ކުރުމަށް ނުވަތަ އެކްސްޕޯޓް ކުރުމަށް ރެވެނިޔު ސްޓޭމްޕުގެ އަގަށްވާ ފައިސާ ދައްކަން ނުޖެހޭނެގޮތަށް ގަވައިދު ވަނީ އިސްލާހްކޮށްފައެވެ.
އަދި ވަކި ބާވަތެއްގެ މުދަލެއް، ރާއްޖެއަށް އިމްޕޯޓް ކުރުމަށް ނުވަތަ އެކްސްޕޯޓް ކުރުމަށް ނުވަތަ ރީ އެކްސްޕޯޓް ކުރުމަށް ޚާއްޞަ ހުއްދައެއް ނަގަންޖެހޭކަމަށް، ގާނޫނެއްގައި ނުވަތަ ޤާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދައިފައިވާ ގަވާއިދެއްގައި ނުވަތަ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ބަޔާންކޮށްފައި ވާނަމަ، އެ މުދަލެއް އިމްޕޯޓް ކުރެވޭނީ ނުވަތަ އެކްސްޕޯޓް ކުރެވޭނީ ނުވަތަ ރީއެކްސްޕޯޓް ކުރެވޭނީ، ރަޖިސްޓަރީކޮށް، އެކަމަށް އެދި ކަސްޓަމްސް އަށް ހުށަހެޅުމުން ކަމަށްވެސް އާ ގަވާއިދުގައި ބުނެފައިވެއެވެ.