ބިދޭސީންނަށް ރެސިޑެންސް ވިސާ ދޫކުރާ އުސޫލުތައް ފުޅާކުރެވޭ ގޮތަށް އިމިގްރޭޝަނާބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހެޅުއްވި އެ އިސްލާހް މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 34 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމަށް 31 މެންބަރުން ވޯޓު ދެއްވި އެވެ. އެ ބިލު ބަލައިގަންނަން ބޭނުންވާ އަދަދަކީ 33 ވޯޓުކަމުން ބިލު މަޖިލީހަށް ބަލައިގެންފައިވަނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.

މިހާރު އިމިގްރޭޝަން ގާނޫނުގައި ބުނެފައިވާ ގޮތުން ރެސިޑެންސް ވިސާއަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށާއި ސަރުކާރުގެ ކަމާބެހޭ ދާއިރާއެއްގެ ހުއްދަ ލިބިގެން އެ ދާއިރާ އިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއްކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްގެން އުޅޭ ބިދޭސީއަކަށް ދޭ ހުއްދަ އެކެވެ.

ނަމަވެސް ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އެ އިސްލާހުގައިވާ ގޮތުން ތަފާތު ފަސް ކެޓަގަރީގެ ބަޔަކަށް ރެސިޑެންސް ވިސާ ދޫކުރެވޭނެ އެވެ.

އެގޮތުން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނާއި ދިވެއްސަކާ ކައިވެނިކުރުމަށް ފަހު ވަރިކޮށްފައިވާ ބިދޭސީއަކަށް، އެ ކައިވެންޏަށް ލިބިފައިވާ ދަރިއަކު ބެލެހެއްޓުން ޝަރުއީ ކޯޓަކުން ހަވާލުކޮށްފައިވާ ނަމަ އެ ބިދޭސީއަކަށްވެސް ވިސާ ލިބޭނެ އެވެ. މީގެ އިތުރުން ރެސިޑެންސް ވިސާ ދޫކުރާނީ ބޮޑު އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުގެ އިގުތިސޯދީ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މިނިސްޓްރީން ނުވަތަ އިދާރާ އިން ގަބޫލުކުރާ އިންވެސްޓްމަންޓެއް ކޮށްގެން އުޅޭ ބިދޭސީއަކަށާއި ރާއްޖޭގެ މާއްދީ އަދި މާލީ ތަރައްގީ އިތުރު ކުރުމަށްޓަކައި ސަރުކާރުން ހިންގާ ހާއްސަ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތައް ތަންފީޒުކުރާ މިނިސްޓްރީން ނުވަތަ އިދާރާ އިން ގަބޫލުކުރާ ޕްރޮޖެކްޓަކަށް އިންވެސްޓްކޮށްގެން އުޅޭ ބިދޭސީންނަށް ކަމަށް ވެސް އެ އިސްލާހުގައި ވެ އެވެ.

ރެސިޑެންސް ވިސާ ދޫކުރެވޭނެ ދާއިރާ ފުޅާކުރުމުގެ އިސްލާހުގައިވާ ގޮތުން ނަމަ، ސަރުކާރުގެ އިގުތިސޯދީ ސިޔާސަތުތައް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ މިނިސްޓްރީން ނުވަތަ އިދާރާ އިން ގަބޫލުކުރާ ފަންނީ ހިދުމަތެއް ވިޔަފާރީގެ އުސޫލުން ދޭ ބިދޭސީއަކަށް ވެސް އެ ވިސާ ލިބިދެވޭނެ އެވެ.